ކުޅިވަރު

ޔޫއެފާ އެސިސްޓް މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ލެޓްވިއާ ކަށަވަރުކޮށްފި


ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ބޫޓާން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ލެޓްވިއާ ހޯދައިފިއެވެ.

މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ދަނޑުގައި ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުން ލެޓްވިއާ މޮޅުވީ 5 ލަނޑު 3 ލަނޑުން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން ލެޓްވިއާ މޮޅުވުމާއި އެކު ކުޅުނު ދެމެޗުން މޮޅުވެ، 6 ޕޮއިންޓާއި އެކީ އެޓީމު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮއްފައެވެ.

މިމެޗުގެ ފުރަތަމަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭ ލެޓްވިއާ ޓީމުން ވަނީ ކައިރި ކައިރީ ދެލަނޑު ޖަހާފައެވެ. އެޓީމުގެ ކްރިސްޓާސް ޕުޒަނޯވް އަދި ބުރޫނޯ މެލްނިސް ޖެހި ލަނޑާއި އެކު ލެޓްވިއާ މެޗުގެ ކުރީކޮޅު ހަމަޖެހިލިއެވެ. މި ދެ ލަނޑާއެކު ބުޓާން ޓީމުން ލަނޑެއް ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ބޫޓާން ޓީމުން މޮޅު ކުޅުމެއް ދެއްކި ބިކާޝް ޕްރަދަން އެޓީމަށް ލަނޑެއް ޖަހައި ދިނެވެ. ބޫޓާން ޓީމުން މިހާފުގެ ބޮޑުބައި ހަލުވި ގޭމެއް ކުޅެ ލަނޑު ޖަހަން މަސައްކަތް ކޮއްފައިވެއެވެ. ނަމަވެސް ލިބުނު ފުރުސަތުތަށް ބޭނުން ނުކުރެވި ދިޔައެވެ. ހާފު ނިމުމުގެ ކުރީން ދެޓީމުން އިތުރު ލަނޑެއް ޖަހާ ފުރަތަމަ ހާފު ނިންމާލީ 3 – 2 ގެ ނަތީޖާއަކުން ނެވެ.

ދެވަނަ ހާފު ކުޅުން ފެށިގެން 2 ވަނަ މިނެޓުގައި ބޫޓާން ޓީމުގެ ކަލްޑެން ޗޮއެޑާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަ ކޮއްދިނެވެ. މިހާފުގައި ވެސް ބޫޓާން ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު ލެޓްވިއާ ޓީމުން ދިޔައީ މަތިން ކުޅެގެން ބޫޓާން ޑިފެންސް ފޫއަޅުވާ ލަނޑުޖަހަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ލެޓްވިއާގެ ބުރޫނޯ މެލްނިސް، އިތުރު ލަނޑެއް ޖަހައި ލެޓްވިއާ ޓީމަށް ކުރި ހޯދައިދިނެވެ. މިހާފުގެ ނިމެން ދިޔަ ވަރަކަށް ބޫޓާން ކުޅުންތެރިންގެ ފުށުން ކޮންމެވެސް ވަރަކަށް ވަރުބަލި ކަން ފެންނަމުން ދިޔައެވެ. އަދި ލެޓްވިއާ ވެސް މަޑުމަޑުން މެޗު ކޮންޓްރޯލް ކުރަމުން ދިޔައެވެ. ލެޓްވިއާ މެޗުގައި ޖެހި ފަސްވަނަ ލަނޑު އެޓީމަށް ކާމމިޔާބު ކޮއްދިނީ 74 ވަނަ މިނެޓުގައި ޑާރިއޯ ޝީޓް އެވެ. މިއީ މިމެޗުގައި ޑާރިއޯގެ ދެވަނަ ލަނޑެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލެޓްވިއާ ކޯޗު އެލެކްސެންޑާސް ބާސޯވްސް ބުނީ ބުޓާން ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އެޓީމަށް އެންމެ އުނދަގޫ ވެގެން ދިޔައީ ބޫޓާން ޓީމުން ކުޅުންތެރިން ކައިރީގައި ޕްރެސް ކުރަމުން ގޮސްގެން ކަމަށާއި އަދި ހަލުވި ކުޅުންތެރިން ތަކެއް ބުޓާން ޓީމުގައި ތިބިކަން ފާހަގަ ކުރިއެވެ.


ބޫޓާން ކޯޗު މެޗާއި ގުޅޭ ގޮތުން ބުނެފައިވަނީ، މެޗުން ބޫޓާން ބަލިވެގެން ދިޔައީ ވަރުގަދަ ލެޓްވިއާ ވަރުގަދަ ޓީމަކަށް ވުމުން ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ވަރަށް ހިއްވަރު ކުރިކަން ކޯޗު ފާހަގަ ކުރިއެވެ. ކޯޗު ބުނި ގޮތުގައި ޓީމުގެ ކީޕަރު އަތުން ހެދުނު މިސްޓޭކުގެ ސަބަބުން ވަން ފުރަތަމަ ދެ ގޯލް ފިޔަވައި ކުޅުންތެރިން ރަނގަޅު ޕާފޯމެންސެއް ދެއްކިއެވެ.