ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބޭނުން ނެތުމުން ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް ޗައިނާގެ ކުލަބަކަށް ވިއްކާލަން ނިންމައިފި އެވެ.
ޗައިނާގެ ޖިއަންސޫ ސުނިން ކުލަބުން އޭނާ ގެންދަނީ ތިން އަހަރުގެ ދުވަހަށެވެ. އަދި ހަފުތާއަކު މުސާރައިގެ ގޮތުގައި އޭނާ އަށް އެއްމިލިއަން ޕައުންޑް ލިބޭނެ އެވެ. ނަމަވެސް ބޭލް ގަތުމަށް އެކުލަބުން ރެއާލް މެޑްރިޑަށް ދެނީ ކިހާ ފައިސާއެއް ކަމަށް އަދި ޔަގީނެއްނޫނެވެ.
ރެކޯޑް އަގަކަށް ޓޮޓެންހަމުން ރެއާލް އަށް މީގެ ފަސް އަހަރު ކުރިން ވބަދަލުވި ބޭލް ކުލަބު ދޫކޮށްލަން ޖެހުނީ ކޯޗު ޒިދާން އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދޭތީ އެވެ.
މި މައްސަލާގައި ބޭލްގެ އެޖެންޓާއި ޒިދާނާ ބަހުގެ ހަމަލާތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
އުމުރުން 30 އަހަރުގެ ބޭލް ވިއްކާލުމަށްފަހު ރެއާލްއިން މަސައްކަތް ކުރަމުންދަނީ މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގެންދިއުމަށެވެ.