ލިވަޕޫލުން 29 ދުވަހުގެ ތެރޭގައި 10 މެޗު ކުޅެން ޖެހިއްޖެ އެވެ.
މިކަން ޔަގީންވީ ކުލަބު ވޯލްޑް ކަޕުގައި ލިވަޕޫލް ކުޅެން ޖެހޭ މެޗުތަކުގެ ތާރީހި ޔަގީންވުމުންނެވެ.
ގަތަރުގައި ބާއްވާ ކުލަބު ވޯލްޑް ކަޕުގައި ޔޫރަޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ލިވަޕޫލް ކުޅެން ޖެހޭނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި 21 ވަނަ ދުވަހު އެވެ.
ޑިސެމްބަރު މަހު އިނގިރޭސި ޕްރެމިއާ ލީގުގައި ވެސް ލިވަޕޫލް މުހިންމު މެޗުތަކެއް ކުޅެން ޖެހޭނެ އެވެ. އެއީ ޑިސެމްބަރު ހަތަރެއްގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ބޯނެމައުތާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އަދި ވަޓްފޯޑާއި ލެސްޓާ ސިޓީ އަދި ވުލްވުސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މީގެ އިތުރުން ޑިސެމްބަރު މަހުގެ 10 ނުވަތަ 11ގައި ޗެމްޕިއަންސް ލީގުގެ މެޗެއް ވެސް ކުޅެން ޖެހޭނެ އެވެ.
ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ މައްސަލާގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މީގެ ކުރިން ވެސް ހިތްހަމަނުޖެހުންތައް ފާޅުކޮށްފަ އެވެ.