ކުޅިވަރު

އަންހެން ސިންގަލްސް ސެމީ ފައިނަލުން ދީމާއާއި ރަފާ ޖާގަ ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާއި ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.

މިހާތަނަށް މި ގޭމްސްގައި ޓީމް އިވެންޓް އަދި ޑަބަލްސްގެ ރަން މެޑަލް ހޯދާފައިވާ ދެ ކުޅުންތެރިން ސެމީއިން ޖާގަ ހޯދީ މިއަދު ކުޅުނު ކުއާޓާރ ފައިނަލް މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްގެންނެވެ.

ރަފާ ސެމީއިން ޖާގަ ހޯދީ ރިޔޫނިއަންގެ ޕިކާޑާ ސީދާ ހަތަރު ގޭމުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ރަފާ ކާމިޔާބުކުރީ 11-08، 12-10، 11-04 އަދި 11-04އިންނެވެ. ސެމީ ފައިނަލްގައި ރަފާ ނިކުންނާނީ މޮރީޝަސްގެ ޖަލިމްއާއި ދެކޮޅަށެވެ. ޖަލިމް ސެމީން ޖާގަ ހޯދީ ރާއްޖޭގެ ޖުމާނާ ނިމާލް 4-2ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފާތިމަތު ދީމާ އަލީ ސެމީން ޖާގަ ހޯދީ މޮރީޝަސްގެ ހޮސެނަލީ 4-2ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ސެމީ ފައިނަލްގައި ދީމާ ނިކުންނާނީ މޮރީޝަސްގެ ގޮކޫލް ވިދާދްއާއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޒީސްތު، ޝައްފާން އަދި މުންސިފްވެސް ކެޓީ ގަދަ 16އިންނެވެ.