ބޮޑު ތަފާތަކުން ރާއްޖެ ބަލިވެ ޕޮއިންޓެއް ނުލިބި ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ މުބާރާތް ރާއްޖެ ނިންމާލައިފިއެވެ.
މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާއި ލެޓްވިއާއެވެ. މިމެޗު ފަސޭހަކަމާއިއެކު ލެޓްވިއާއިން އެކުކާމިޔާބު ކުރީ 7 – 0 ގެ ނަތީޖާއަކުންނެވެ. އެހެން ކަމުން ރާއްޖެ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ކުޅުނު 3 މެޗުން ބައިކޮޅަށް 15 ލަނޑު ވަދެގެންނެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރަމުންދިޔަ ލެޓްވިއާ ޓީމުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެލާރީސް ލިޒުނޯވްސްއެވެ. ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ތިން މިނެޓު ފަހުން ލެޓްވިއާގެ ދެވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އޭނާއެވެ. ރާއްޖޭ ޓީމުގެ ޑިފެންސް ލައިނަށް ލެޓްވިއާ ޓީމުން ދިޔައީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް 33 ވަނަ މިނެޓުގައި މެކްސިމަސް އަލްޕެންސް އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މިޔާއެކު މިހާފުގައި އިތުރު ގޯލެއް ބައިކޮޅަށް ނުވަދެ ވޭތޯ ރާއްޖެއިން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މިއަދު މެޗަށް ލެޓްވިއާ ޓީމުން ނުކުތް ފުރަތަމަ އެގާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެެވެ. އެގޮތުން ކުރީ ދެ މެޗުގައި ބެންޗުގައި ތިބި ކުޅުންތެރިންނަށް މި މެޗުގައި ވަނީ ކޯޗު ފުރުސަތު ދީފައެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓަޕްސް ޕުޒަނޯވްސް ވަނީ ލެޓްވިއާ ޓީމަށް ހެޓްރިކް ހަދާ ދީފައެވެ.
މެޗަށް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު އިބްރާހީމް ހަލީމް ( ޖަޑާ) ބުނީ، މުބާރާތުގައި ވާދަ ކޮއްލެވޭ ވަރުގެ ޓީމަކަށް އިނީ ބޫޓާން އެކަނި ކަމަށާއި، ނަމަވެސް ދެން އޮތް ދެ ޓީމާއި އެކު ކުޅުނު އިރު އުންމީދު ކުރިވަރައް ވުރެން ރަނގަޅަށް ޓީމަށް އެޓޭކް ކުރެވި ހަމަލާތަށް ނިންމާލެވިފައިވާ ކަމަށެވެ.
ލެޓްވިއާ ކޯޗު ބާސޯވްސް މިމެޗު ފާހަގަ ކުރީ، އެޓީމުގެ ކުޅުންތެރިންނަށް ޑިފެންސިވް ގޭމެއް ކުޅޭއިރު ކުޅޭނެ ގޮތުގެ ތަޖުރިބާ ލިބުނު މެޗެއްގެ ގޮތުގައެވެ. އަދި މިއަދު ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، ޓީމުގެ ގިނަ ކުޅުންތެރިންނަށް ތަޖުރިބާ ތަކެއް ލިބި، ކުރިއަށް އޮތް ފައިނަލް މެޗަށް ތައްޔަރު ކަމަށް އޭނާ ބުނިއެވެ.
މިއަދު މިމެޗާއި އެކު މުބާރާތުގައި ޓީމުތަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަށް ނިމުނީއެވެ. ޕޮއިންޓް ޓޭބަލު އެއްވަނައަށް ލެޓްވިއާ 9 ޕޮއިންޓާއި އެކު ދިޔައިރު ދެވަނަ ހޯދާފައިވަނީ 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ ބޫޓާން ޓީމެވެ. ޓޭބަލުގެ 3 ވަނަ ހޯދީ ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ 3 ޕޮއިންޓާއި އެކު ސައުދީ ޓީމެވެ. ޓޭބަލުގެ ފުލަށް ގޮސް ޕޮއިންޓެށް ނުލިބި ރާއްޖެއިން ވަނީ މުބާރާތް ނިންމާލާފައެވެ. މުބާރާތުގައި ފައިނަލުގައި މިމަހުގެ 29 ވަނަ ދުވަހު ވާދަ ކުރާނީ ބޫޓާން އާއި ލެޓްވިއާއެވެ.