ކުޅިވަރު

ބޭލް ރެއާލްގައި މަޑުކުރުވަނީ


ގެރެތް ބޭލް ވިއްކާނުލައި ރެއާލް މެޑްރިޑގައި މަޑުކުރުވަން ނިންމައިފި އެވެ.

ރެއާލްގެ މި ނިންމުމަކީ 30 އަހަރުގެ ކުޅުންތެރިޔާ ޗައިނާގެ ކުލަބަކަށް ވިއްކާލުމާ ނުހަނު ގާތަށް ދިއުމަށްފަހު ކުއްލި ގޮތަކަށް ބަދަލުކުރި ނިންމުމެކެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުނާގޮތުން މި ބަދަލު ގެނައުމަށް ރެއާލްއިން ނިންމީ އެކުލަބުން ބޭނުންވާ ވަރުގެ އަގެއް ބޭލް ގަތުމަށް ޗައިނާގެ ޖިއަންސޫ ކުލަބުން ދޭން ބޭނުންނުވާތީ އެވެ. ނަމަވެސް މިއަގަކީ ކޮބާކަމެއް ދެ ފަރާތުންވެސް ނުބުނެ އެވެ.

މީގެ ފަސް އަހަރު ކުރިން 85 މިލިއަން ޕައުންޑަށް ރެއާލް އަށް ބަދަލުވި ކުޅުންތެރިޔާ ވިއްކާލަން ރެއާލްއިން ކުރިން ނިންމީ އޭނާ އާއި ކޯޗު ޒައިނުއްދީން ޒިދާނާމެދު އޮތް ހިތްހަމަނުޖެހުމަކާހެދި އެވެ.

ޒިދާން ކުރިން ބުނެފައިވަނީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކީ ބޭލް ރެއާލްއިން ދިއުން ކަމަށެވެ. މިކަމާހެދި ބޭލް އަށް ޒިދާން އިހްތިރާމް ކުޑަކުރާކަމަށް ބުނެ ކުޅުންތެރިޔާގެ އެޖެންޓް ދެއްކި ވާހަކަތަކަށް ޒިދާން ވަނީ ފަހުން ރައްދުވެސް ދީފަ އެވެ.