މަސްވެރިކަމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެކެވެ.
އެގޮތުން ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް އަމަލުކުރުމަށް، ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބިލުގައި ބަޔާންކުރެވިފައިވާނޭކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރާ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް މިބިލުގައި ވާނީ ކަނޑައަޅާފައެވެ. މިގޮތުން، ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށް މިބިލުގައި ވާނީ ބަޔާންކޮށްފައެވެ.
މަސްވެރިކަމާބެހޭ ބިލުގައި ރާއްޖޭގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާއި އަދަބުތައްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާމެދު އަމަލުކުރާނެ ގޮތުގެ ހަމަތަކާއި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރުވެސް މިބިލުން ވަނީ ދީފައެވެ. އަދި އެގޮތަށް އަގު ކަނޑައަޅާނީ ފިޝަރީޒް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިންކަމަށް މިބިލުގައިވެއެވެ.
މަސްވެރިކަމުގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މަސްވެރިކަމަކީ ދިވެހިންގެ ތާރީޚާއި އާދަކާދަތަކާއި، ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތެކެވެ. އަދި އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުންކަމަށް ސަރުކާރުން ބުނެއެވެ.