ރައްޔިތުންގެ މަޖލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހއ.އިހަވަންދުއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައީސް ނަޝީދު އިހަވަންދުއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އިހަވަންދޫ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް ބޭއްވި ފުޓްބޯޅަ މުބަރާތުގެ ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވުމަށްކަމަށެވެ.
އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ގޯލްޑަން ޖުބުލީ އިންވިޓޭޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް އޮތީ މިއަދުގެ ހަވީރުއެވެ. ރައީސް ނަޝީދު ވަނީ އެ މެޗް ބައްލަވާލައްވައި އެމެޗް ޝަރަފްވެރި ކޮށްދެއްވާފައެވެ.
ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގެންވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އެމަނިކުފާނުވަނީ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި އެރަށު ސިއްޙީ މަރުކަޒާއި އިންޖީނުގެ އާއި މިފްކޯ އައިސްޕްލާންޓާއި މެޖިސްޓްރޭޓް ކޯޓާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައިފައެވެ.
ރައީސް ނަޝީދު އާދިއްތަ ދުވަހު ހދ.މަކުނުދޫއަށް ވަޑައިގަތުމަށްވެސް ހަމަ ޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނަވައެވެ.