ކުޅިވަރު

ބާސެލޯނާއަށް އޮތް ހައްލަކީ ކުޓީނިއޯ ވިއްކާލުން


ބާސެލޯނާގެ ޗެކް ފޮތްތައް ބެލެންސް ކުރުމަށް އެކުލަބަށް ފިލިޕޭ ކުޓީނިއޯ ވިއްކާލަން މަޖުބޫރުވެފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

މީގެ ސަބަބަކީ އަގުބޮޑު ކުޅުންތެރިންތަކެއް ތިބުމުން ބާސެލޯނާގެ މުސާރަތައް އިންތިހާ އަށް މައްޗަށް ދިއުމެވެ.
މީގެ އިތުރުން ޕީއެސްޖީގެ ފޯވަޑް ނޭމާ ގަތުމަށް އެކުލަބުން ކުރާ މަސައްކަތުގައި ވެސް ފައިސާ ހޯދެން އޮތީ ކުޓިނިއޯ ވިއްކާލައިގެންނެވެ.

ފްރާންސްގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ ޕީއެސްޖީގެ ޑިރެކްޓަރ ލިއޮނާޑޯއާ ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. މިހެންވެ ޕީއެސްޖީގެ ވެރިން މިހާރު މަޝްވަރާކުރަމުންދަނީ ނޭމާ ވިއްކާލުމާމެދު އެންމެ ފަހުގެ ގޮތް ނިންމުމަށެވެ.
އަދި ބާސެލޯނާގެ އިސް ވަފުދެއް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ޕީއެސްޖީގެ އިސް އޮފިޝަލުންނާ މަޝްވަރާކުރުމަށް ފްރާންސަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ނޭމާ ގަތުމަށް ބާސެލޯނާއިން ހުށަހަޅާނެ އެންމެ މުހިންމު ކުޅުންތެރިއަކީ ކުޓީނިއޯ އެވެ. އެއީ އެކުލަބަށް 60 މިލިއަން ޕައުންޑަށްވުރެ އިތުރަށް ފައިސާ ދެވެން ނެތުމުންނެވެ. ކުޓީނިއޯގެ މާކެޓް އަގަކީ ބާސެލޯނާއިން ގަބޫލުކުރާ ގޮތުގައި 90 މިލިއަން ނުވަތަ 100 މިލިއަން ޕައުންޑެވެ.