ވަގު ޕާސްޕޯޓުފަދަ ލިޔެކިއުންތައް ދެނެގަތުމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަނުން ޤާއިމުކޮށްފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމީއްޔާތުގައި މި ލެބް އިފްތިތާޙްކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި މިފަދަ ލެބެއް ޤާއިމުކުރުމުގެ ބޭނުމަކީ ރާއްޖެ އެތެރެވެ، ބޭރުވާ ފަރާތްތައް ގެންގުޅޭ ޝަހުސު އަނގައިދޭ، ޕާސްޕޯޓުފަދަ ލިޔެކިއުންތަކަކީ ސައްޙަ ތަކެތިކަން ޔަޤީންކޮށް، އެ ތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމެވެ. މީގެ އިތުރުން، މި ލެބް ހުޅުވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކަކީ ޤައުމަށް އެތެރެވާ މައި ދޮރާށިކަމަށްވެފައި އެ ތަންތަނަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަންތަނަށް ހެދުން ހިމެނޭކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި ލެބުގެ ސަބަބުން ޤަވާއިދާ ޙިލާފަށް ދަތުރުކުރާ ފަރާތްތައް ދެނެގަތުމަށް ފަސޭހަވެގެން ދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އައްޑޫގެ ތަންފީޒީ އިދާރާތަކުގެ އިސްވެރިން ބައިވެރިވި މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ މި ލެބަކީ ހަމައެކަނި އިމިގްރޭޝަންގެ ބޭނުމަށް ހުޅުވުނު ލެބެއް ނޫންކަމަށާއި ތަންފީޒީ އިދާރާތަކުގެ ފިކުރަކީ ޤައުމީ ފިކުރަށްވާހިނދު މި ލެބަކީ ތަންފީޒީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ހުޅުވިގެންދާ ލެބެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އިމިގްރޭޝަނުންވަނީ އައްޑޫ ސިޓީގެ ތަންފީޒީ އިދާރާތަކަށް އަމާޒުކޮށްގެން ސައްޙަ ނޫން ލިޔެކިއުން ދެނެގަތުމާއި ގުޅޭގޮތުން 1 ދުވަހުގެ ތަމްރީނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ލެބްގައި ލިޔެކިއުންތަކުގެ ސައްޙަކަން ދެނެގަންނަން ބޭނުންކުރާނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނުން ހަދިޔާކޮށްފައިވާ އާލާތްތަކެވެ. މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ހުޅުވޭ ދެވަނަ ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ލެބް ޤާއިމުކޮށް ހުޅުވިގެން ދިޔައީ 2015ވަނަ އަހަރުއެވެ.