ޚަބަރު

އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

އަދީބު ހައްޔަރުކުރީ ފިއްލައިވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން އަނބުރާ މާލެ ގެންނެވުމަށްފަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެއެވެ. އަދީބު ހައްޔަރުކޮށްގެން މާލެ ގެންނަވައި، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އެހެން ނަމަވެސް އޭގެ ހަތަރު ގަޑިއިރެއްހާއިރު ފަހުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކުރިއެވެ. މިއަދު ހެނދުނު އަދީބު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.

އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެންނެވި މައްސަލާގަ އާއި، ޖިނާއީ މައްސަލައެއްގައި ކުށަށް އިޢުތިރާފުވެ ކޯޓަށް ޙާޒިރުވެ ހެކިބަސް ދެއްވުމަށް އެއްބަސްވެ ސޮއިކުރެއްވުމަށްފަހު ފިއްލެވި މައްސަލާގައި އެވެ.

މި މައްސަލާގައި އަދީބުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް އޭނާ ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކުރީ މިއަދު ހަވީރު ބޭއްވި ބަންދުގެ މަޖިލީހުގައެވެ.

އަދީބު ރާއްޖެގެނެސް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ އޭނާ ޙައްޔަރުކޮށްފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށްކަމަށް ބުނެ އަދި އަދީބު ޙައްޔަރުކުރި ބޯޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް ނޫންކަމަށް ވުމުންނެވެ. ފުލުހުންވެސްވަނީ އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙާއްދުންކަމަށް ޢިއުތިރާފްވެފައެވެ. އަދި އަދީބު ޙައްޔަރުކުރީ އިންޑިއާގެ ދިދަ ޖެހި އުޅަނދެއްގައި ހުއްޓާކަމަށްވެސް ފުލުހުން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

އަދީބު ހައްޔަރުކުރީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުންކަމަށްވެފައި، އެ ސަރަޙާއްދަކީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތައް ނުހިނގާނެ ސަރަހައްދެއްކަމުން ކްރިމިނަލް ކޯޓްގެ ޤާޒީ ވަނީ އެކަން ފާހަގަކުރައްވާފައެވެ.

އަދީބު ވަނީ ފިއްލަވައިގެން ސޫތުކުޅިއަށް ވަޑައިގަތުމަށްފަހު އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އިންޑިއާއިންވަނީ އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން ވަނީ އަދީބު އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.