ކުޅިވަރު

"ޖޯއީ" މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ޒުވާން ޓީމް މާލެ އައުމުން ޚޫނު މަރުޚަބާއެއް!


އިންޓަނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމް ތައްޓާއިއެކު މާލެ އައުމުން އެޓީމަށް ޚޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މާޒިޔާގެ ޒުވާން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖުން މަރުޚަބާ ދަންނަވާފައިވަނީ މާޒިޔާގެ ޗެއަރމަން އަޙުމަދު ސާޖިދާއި، ކުލަބުގެ އިސްވެރިންނާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި، ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓްގެ އިތުރުން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހިމް އަދި މާޒިޔާގެ ސީނިއަރ ޓީމްގެ ކޯޗު މަރްޔާން ސެކުލޯސްކީއެވެ.

މީގެ އިތުރުން މާޒިޔާގެ ކުރީގެ ދެ ކުޅުންތެރިންކަމަށްވާ އަލީ އަޝްފާގްއާއި، މުޙައްމަދު އުމެއިރު، ކުރީގެ ކޯޗު އަލީ ސުޒެއިން އަދި މާޒިޔާގެ ސީނިއަރ ޓީމްގެ ކުޅުންތެރިންނާއި، ކުލަބުގެ އެކަޑެމީގެ ދަރިވަރުންގެ އިތުރުން، ގިނަ އަދަދެއްގެ ބެލެނިވެރިންވެސްވަނީ ޒުވާން ޓީމަށް މަރުޚަބާ ކިޔާފައެވެ.

މާޒިޔާގެ ޔޫތް ޓީމް އިންޓަނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި އިންޑިޔާގެ ވަރުގަދަ ބެންގަލޫރު އެފްސީގެ އެކަޑެމީ 3-1 ނަތީޖާއަކުން ބަލިކޮށްގެންނެވެ. މާޒިޔާއިން މެޗު ކާމިޔާބުކުރީ ބެންގަލޫރުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި މާޒިޔާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ މުޙައްމަދު އިޔާން އަދި ޢަބްދުﷲ ރިފާހުއެވެ. ފައިނަލް މެޗުގައި ދެ ލަނޑު ޖެހި މުޙައްމަދު އިޔާން ވަނީ މުބާރާތުގައި 5 ލަނޑު ޖަހާ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

މާޒިޔާ މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީފައިނަލު މެޗުގައި އިންޑިޔާގެ އައި ލީގުގެ ޗެންނާއީ އެފްސީގެ އެކަޑަމީ 2-1 ލަނޑުން ބަލިކުރުމަށްފަހުއެވެ. މި މެޗުގައި މާޒިޔާއިން ކުރިހޯދީ ޗެންނާއީ އެފްސީ ލަނޑެއް ޖަހާފަވަނި ކޮށް ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހަންމަދު އިޔާންގެ އަދި ޔޫޝައު ބިން އަލީ ނަޝީދުއެވެ.

މި މުބާރާތަކީ އިންޑިޔާގެ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތަތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިޔަށްގެންދާ މުބާރާތެކެވެ.