ވިޔަފާރި

އެސްޓީއޯގެ ނަމުގައި ފައިސާ ހޯދަން ގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާހޯދުމަށް ކުރަމުންދާ ފޯނު ކޯލްތަކަށް ސަމާލުވުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ސުޕަރ މާކެޓުން މިހާރު ކުރިއަށްގެންދާ އަލްނޫރު ހިކިކިރު ޕްރޮމޯޝަންގައި ބައިވެރިވުމަށްކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަމުގެ މަޢުލޫމާތު އެކުންފުންޏަށް ލިބިފައިވާކަމަށެވެ.

އެގޮތުން ކާޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ޓްރާންސްފާކޮށް، އިނާމު ލިބޭނެކަމަށް ބުނެ މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަމަށް އެސްޓީއޯއިން ބުނެއެވެ.

އަލްނޫރު ހިކިކިރު ޕްރޮމޯޝަންއަކީ ގަންނަ ކޮންމެ ހިކިކިރު ޕެކަޓަކާއެކު އަލްނޫރު ލޯގޯޖެހި ބިއްލޫރި ތައްޓެއް ކަސްޓަމަރުންނަށް ލިބޭހެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެސްޓީއޯއިން ބުނީ އެކުންފުނިން ކަސްޓަމަރުންގެ ބެންކު ކާޑުގެ މަޢުލޫމާތު ހޯދައި ފައިސާ ހޯދައިގެން އެއްވެސް އިރެއްގައި އެއްވެސް ޕްރޮމޯޝަނެއް ހިންގާފައިނުވާނެކަމަށެވެ. އަދި މިފަދައިން އޮޅުވާލައިގެން ކުރަމުންދާ ފޯން ކޯލްތަކަށް ސަމާލުވެ މިފަދަ ކޯލްތައް ލިބުނުހާ އަވަހަކަށް ކަމާއި ބެހޭ ފަރާތަކާއި ހިއްސާކުރުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.