ކުޅިވަރު

ޕޮގްބާ ނުލިބިއްޖެނަމަ ރެއާލްއިން ނޭމާއަށް ބިޑް ކުރަނީ


މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުލިބިއްޖެނަމަ ޕީއެސްޖީގެ ފޯވަޑް ނޭމާ ސަންޓޯސް އަށް ބިޑް ކުރަން ރެއާލް މެޑްރިޑް ތައްޔާރުވެއްޖެ އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލްއިން ނޭމާއާ ދިމާލަށް މިސްރާބު ޖެހީ ޕޮގްބާ ގަތުމަށް ކުރަމުންދާ މަސައްކަތް ގާތްގަނޑަށް ފެއިލްވެފައިވާތީ އެވެ. ސަބަބަކީ މާދަމާއަކީ އިނގިރޭސި ޓްރާންސްފާ ޕީރިއަޑްގެ ފަހު ދުވަސް ކަމަށްވުމެވެ. އަދި މިއަދާ ހަމައަށް ޕޮގްބާ ވިއްކާލުމަށް ޔުނައިޓެޑުން އެއްވެސް ވަރަކަށް ބޭނުންނުވުމެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ ދޫކޮށް ރެއާލްއާ ވާދަވެރި ބާސެލޯނާ އަށް ބަދަލުވާން ނޭމާ ބޭނުންވާއިރު އޭނާ ގަތުމަށް ރެއާލްއިން ބަދަލެއްގެ ގޮތުގައި ލޫކާ މޮޑްރިޗް ހުށަހަޅާނެ އެވެ. ދުނޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ކުޅުންތެރިޔާ ދޭން ރެއާލް ހުށަހެޅި ނަމަވެސް މިކަން ވެސް ކާމިޔާބުވުން ވަރަށް ދުރު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސަބަބަކީ ބާސެލޯނާ އަށް ދާން ނޭމާ ބޭނުންވުމެވެ. ބާސެލޯނާ އަކީ ނޭމާގެ ކުރީގެ ކުލަބެވެ.

ބާސެލޯނާއިން ވެސް ތިބީ ނޭމާ ލޯނު އުސޫލުން ވެސް ގެނައުމަށް ތައްޔާރަށެވެ. ނަމަވެސް އެކުލަބަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލައަކީ ޕީއެސްޖީ ބޭނުންވާ ވަރަށް ފައިސާ ހޭދަކުރެވެން ނެތުމެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ އަށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 ޕައުންޑް ދީފައި ގަތް ނޭމާ ވިއްކާލަން އެކުލަބުން ކިޔާ އަކީ 222 މިލިއަން ޕައުންޑް ނުވަތަ އެއަށްވުރެ ބޮޑު އަގެކެވެ.