ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 106 ފަހަރަށް ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަރުން ސަސްޕެންޑް ކުރުމާއި ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް ލާމަރުކަޒީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނެގި ސަބްކޮމެޓީން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކޮށް ތައްޔާރުކުރި ރިޕޯޓްގައި ފާއިތުވި އަހަރުތަކުގައި އެ އޮތޯރިޓީން ކައުންސިލަރުންނާމެދު އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން 2014 އިން 2018ގެ ނިޔަލަށް 106 ފަހަރަށް ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވުމަކީ ރާއްޖޭގައި ތިބި ކައުންސިލަރުންގެ ނިސްބަތުން ކަންބޮޑުވާން ޖެހޭ މިންވަރެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ކޮމެޓީގެ ރިޕޯޓުގައި ވާ ގޮތުން ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުން ހައްޔަރުކުރި ކައުންސިލަރުން އެލްޖީއޭގެ އަމިއްލަ އިސްނެގުމަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ސަސްޕެންޑް ކޮށްފައިވަނީ އޭރުގެ ސަރުކާރަށް ނިސްބަތްނުވާ ކައުންސިލަރުން ކަންވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން އެލްޖީއޭއިން އަމަލުކުރަމުންގޮސްފައިވަނީ ލާމަރުކަޒީ ނިޒާމްގެ މަފްހޫމާ ޚިލާފަށް ކުރީގައި އޮތް މަރުކަޒީ ސަޤާފަތާއި އެއްގޮތައް، ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތިކުރުވައި، އެމީހުންނަށް އަދަބުދީގެން ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެލްޖީއޭ އިން މަސައްކަތް ކޮށްފައިވަނީ ކައުންސިލަރުންނަކީ އެލްޖީއޭގެ ބެލުމުގެ ދަށުގައި ތިބޭ، އެ އޮތޯރިޓީން އަންގާ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ގޮތައް ނިޒާމް ބައްޓަން ކުރުމަށް ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ސިޔާސީ ވަކި ހަރަކާތަކަށް އަމާޒުކޮށްގެން ވަގުތުން އުސޫލު ފާސްކޮށް އެ އުސޫލުގެ ދަށުން އެލްޖީއޭއިން ކައުންސިލަރުންނާމެދު ފިޔަވަޅު އަޅާފައިކަންވެސް އެ ރިޕޯޓުން ހާމަވޭ. އަދި ކައުންސިލްތަކުގެ ޕަރފޯމެންސްއަށް ވަނަ ދީ ސިޔާސީ ގޮތުން އެލްޖީއޭއާ ޚިޔާލު ތަފާތުވި ކައުންސިލްތައް ދަށްކޮށްލާ ގޮތައް އަމަލުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެލްޖީއޭއިން ބޭނުންކޮށްފައިވަނީ ޤާނޫނުން އެ އޮތޯރިޓީއަށް ލިބިދީފައިވާ ބާރުތަކެއް ނޫންކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބައެއް އިސްލާހްތައް ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޭ ތެރޭގައި ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން ޒިންމާދާރު ކުރުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ވާހަކަ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަން ޖެހޭނެ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި އެލްޖީއޭގެ ބޯޑު މެންބަރުން އެކުލެވިގެންވާ ގޮތް ބަދަލުކޮށް އެބޯޑުގައި ކައުންސިލަރުންގެ ދައުރު އޮންނަ ގޮތައް ބަދަލު ކުރުމާއި އެލްޖީއޭގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ތަފްސީލް ކުރަން ޖެހޭކަމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.
ކޮމެޓީން އެކުލަވާލި މި ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.