ޚަބަރު

ޓްރޭނިންގ އެކަޑަމީ އުފެއްދުމަށް ފަންނީ އެހީ ހޯދަނީ


ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި އުފެއްދުމަށް ލާޒިމް ކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިސްޓިޓިއުޝަން
އުފެއްދުމާ ބޭހޭގޮތުން ސިންގަޕޫރުގެ މީޑިއާ އެކަޑަމީއާއެކު މަޝްވަރާ ކޮށްފިއެވެ.



މެލޭޝިއާގައި މިހާރު ހިނގަމުންދާ އޭޝިއާ މީޑިއާ ސަމިޓްގެ ކުރިން ޕީއެސްއެމްގެ
އިސް ވަފްދަކުން ވަނީ ސިންގަޕޫރުގެ މި އެކަޑަމީއަށް ޒިޔާރަތްކޮށް އެތަނުގެ
އިސްފަރާތްތަކާ ބައްދަލުކުރައްވާ މިމަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.



މިމަޝްވަރާތަކުގައި ބައިވެރިވި ޕީއެސްއެމްގެ ވަފްދުގައި
ހިމެނިވަޑައިގަންނަވަނީ، ޗެއަރމަން އިބްރާހިމް އުމަރު މަނިކު އާއި، މެނޭޖިންގ ޑިރެކްޓަރ
އިބްރާހިމް ހަލީލް އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމްއެވެ.



މި ޓްރޭނިންގ އެކަޑަމީ އުފެއްދުމުގައި ސިންގަޕޫރުގެ މީޑިއާ އެކަޑަމީގެ
ކޮންސަލްޓަންސީ ލިބޭނެ ކަމުގެ ޔަގީންކަން އެފަރާތުން ދެއްވާފައިވާކަމަށް މެނޭޖިންގ
ޑިރެކްޓަރ އިބްރާހިމް ހަލީލު ވިދާޅުވިއެވެ. އަދި ދެފަރާތުން ގުޅިގެން ކުރެވިދާނެ
ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.



" ޕީއެސްއެމްގެ ޓްރޭނިންގ އެކަޑަމީއިން ފުރަތަމަ ޓްރޭނިންގ ތައް
ފަށާއިރު ސިންގަޕޫރު ޓްރޭނިންގ އެކަޑަމީގެ މޮޑިއުލް ތަކަށް ކޯސްތައް ހިންގުމާއި،
ދެފަރާތުން ގުޅިގެން ހިންގާ ކޯސްތަކެއް ގެ ގޮތުގައި، ސެޓްފިކެޓް ދިނުމާއި،
ސިންގަޕޫރު މީޑިއާ އެކަޑަމީއަށް ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުގެ ސްޓާފުން
ފޮނުވައިގެން ކުރިމަގުގައި ތަމްރީނު ދިނުމުގެ ފުރުޞަތު ލިބިގެން ދާނެކަމުގެ
ޔަގީންކަން ދެއްވި. " ހަލީލް ވިދާޅުވިއެވެ.  



މީގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ވަފްދުން ވަނީ، ކުއާލަލަމްޕޫރުގައި އޭއައިބީޑީީގެ
ޑިރެކްޓަރ ޗަންގ ޖިން އާ  ބައްދަލު ކުރައްވައި ތަމްރީނުގެ ދާއިރާއިން
އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.   



މިގޮތުން، ޕީއެސްއެމް އިން ގާއިމްކުރާ އެކަޑަމީ އުފެއްދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން
އޭއައިބީޑީ އިން ދެއްވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށް މެނޭޖިންގ ޑައިރެކްޓަރ
ހަލީލް ވިދާޅުވިއެވެ. ޓްރޭނިންގ އެކަޑަމީ ގާއިމް ކުރުމަށް ބޭނުންވާ ދިރާސާތައް
ވަރަށް އަވަހަށް ފެށުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސް ވެވިފައިވާކަމަށްވެސް
ހަލީލް ފާހަގަ ކުރެއްވިއެވެ.



މީގެ އިތުރުން އޭޝިއާ ސަމިޓްގެ ހަވާސާގައި، މެލޭޝިއާގެ މީޑިއާ ޕްރެމާގެ
ޖެނެރަލް މެނޭޖަރ މަރީނާ ރަމްލަން އާ ވެސް ޕީއެސްއެމްގެ ވަފްދުން ބައްދަލުކޮށް،
ދެފަރާތުން ގުޅިގެން ކޮންޓެންޓް އުފެއްދުމާއި ތަޖްރިބާ ބަދަލުކުރުމާ ގުޅޭގޮތުން
މަޝްވަރާ ކޮށްފައިވެއެވެ.