މުނިފޫހިފިލުވުން

ޤައުމީ އެވޯޑް އަޔުޝްމަން އާއި ވިކީ އަށް


އިންޑިއާ ސަރުކާރުންދޭ އެންމެ ޝަރަފްވެރި އެއް އެވޯޑު ކަމުގައިވާ "ޤައުމީ ފިލްމް އެވޯޑް"ގެ އެންމެ މޮޅު އެކްޓަރގެ އެވޯޑު މިފަހަރު ލިބިފައިވާ ވަނީ ބޮލީވުޑްގައި މިހާރު އެންމެ އަރަމުންނަ ދެ ތަރިން ކަމުގައިވާ އަޔުޝްމަން ކުރާނާ އާއި، ވިކީ ކޯޝަލް އަށެވެ.
މިދިޔަ ހުކުރު ދުވަހު އިޢުލާން ކުރި 66 ވަނަ ޤައުމީ ފިލްމް އެވޯޑް ގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދާފައިވަނީ ސައުތު އިންޑާގެ ފިލްމެއްކަމަށްވާ "މަހާނަތީ" އިން ކީރްތީ ސުރޭޝް އެވެ.

އަޔުޝްމަން އެވޯޑު ލިބިފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ތްރިލަރ ފިލްމް "އަންދާނުން" އިންނެވެ. ފިލްމުގައި އޭނާ ފެނިގެން ދިޔައީ ލޯފަން މީހަކަށް ހެދިގެން އުޅޭ މިއުޒިކް ކުޅޭ މީހެއްގެ ރޯލުންނެވެ. މި ފިލްމުގައި އަޔުޝްމަން ދައްކާފައިވާ އެކްޓިން އަށް އޭނާއަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ވިކީ އަށް އެވޯޑު ލިބިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރި ފިލްމް "އުރީ - ދި ސަރޖިކަލް ސްޓްރައިކް" އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ މިފިލްމްގައި ވިކީ ފެނިގެން ދިޔައީ އާރމީ އޮފިސަރެއްގެ ރޯލުންނެވެ.
"އުރީ" އަކީ 2016 ގައި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާޢަތަކުން އިންޑިއާ އަށް ދިން ޓެރަރިސްޓް ޙަމަލާ އެއްގައި އެ ޤައުމުގެ 19 ސިފައިން މަރައިލި ޙާދިސާގެ ރައްދުގައި އިންޑިއާގެ ޢަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާރޖިކަލް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މިފަހަރުގެ އެވޯޑުގައި ބޮލީވުޑްއިން ގިނަ އެވޯޑުތަކެއް ހޯދާފައިވާނީ "އަންދާދުން"، "އުރީ- ދި ސަރޖިކަލް ސްޓްރައިކް"، "ބަދާއީހޯ" އަދި "ޕަދްމާވަތް" އެވެ.

އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ލިބިފައިވަނީ "އަންދާދުން" އަށެވެ. އަދި ފިލްމް "އުރީ- ދި ސަރޖިކަލް ސްޓްރައިކް"، އިން އަދިތްޔާ ދަރު އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައެވެ.
އިތުރު އެވޯޑު ތަކަށް ބަލާލާއިރު އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ އެވޯޑު ފިލްމް "ބަދާއީހޯ"އިން ސުރޭކާ ސިކްރީ އަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމު ކަމަށްވާ "ޕަދްމާވަތް" އަށް ވަނީ އެންމެ މޮޅު ސޯޝަލް ފިލްމް އެވޯޑް އަދި އެ ފިލްމުން ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އަށް ވަނީ އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ އެވޯޑު ވެސް ލިބިފައެވެ.