ވިޔަފާރި

ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ހުޅުވާލައިފި


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސްވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިވެހި އަތްތެރި މަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީން ކުރަން ނިންމާފައިވާ ކަމެކެވެ. މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބީސީސީން ދެކެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު ތިނެއްގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ ހުންނަ ބީސީސީގެ އޮފީހަށް ހުށަހެޅޭނެކަމަށް ބީސީސީން ބުނެއެވެ.