ކުޅިވަރު

ގުއާމް އަމިއްލަ ގައުމްގައި ބަލިކުރެވޭނެ ގޮތުގެ ދިރާސާތައް ދަނީ ކުރަމުން - އަހުމަދު ޝާކިރު


ގުއާމް އަމިއްލަ ގައުމްގައި ބަލިކުރެވޭނެ ގޮތުގެ ދިރާސާތައް ކުރަމުންދާކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ޗައިނާ، ފިލިޕީންސް، ސީރިއާ އަދި ގުއާމްއާއި އެއް ގުރޫޕްއެއްގައެވެ.

ގުއާމަކީ އަމިއްލަ ގައުމްގައި ބަލިކުރަން ވަރަށް އުނދަގޫ ގައުމެކެވެ. އެޓީމުންވަނީ އެންމެ ފަހުން ކުޅުނު ވޯލްޑަކަޕް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި 5-0އިން ބޫޓަން ބަލިކޮށްފައެވެ. އަދި މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިޔާ އަމިއްލަ ގައުމްގައި ބަލިކޮށް އޮމާންއާއި ވާދަކޮށް އެއްވަރުކުރިއެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗްގައި މިއަންނަ މަހުގެ 5ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގުއާމްއާއި ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ކޮލިފިކޭޝަންގެ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗްއެއްކަމަށާއި، އެމެޗުން މޮޅުވުން ވަރަށް މުހިންމުކަމަށެވެ. އަދި ގުއާމް އަމިއްލަ ގައުމްގައި ބަލިކުރެވިއްޖެނަމަ ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެކަމަށާއި މިއީ ރާއްޖޭގެ ޓީމަށް ނުވާވަރުގެ ކަމެއްނޫންކަމަށްވެސް އަހުމަދު
ޝާކިރު ބުންޏެވެ.

"ގުއާމްއަކީ އަމިއްލަ ގައުމްގައި ވަރަށް ވަރުގަދަ ގައުމްއެއް. ގުއާމްއެކަން ވަނީ ވަރަށް ރަގަނޅަށް ސާބިތުކޮށްދީފަ. އިންޑިޔާ ބޫޓާން އަދި އޮމާން މެޗްތަށް ބަލާ މިހާރު މިދަނީ ދިރާސާ ކުރަމުން. މަސައްކަތްކޮށްފިއްޏާ މިއީ ނުކުރެވޭ ވަރުގެ ކަމެއްނޫން. ގުއާމްއަކީ ވަރުގަދަ ޓީމްއެއް. އެޓީމް އަމިއްލަ ގައުމްގައި ބަލިކުރުން ވަރަށް މުހިންމު. މިއީ ކޮލިފިކޭޝަންގައި ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރަކަށް ވެގެންދާނެ." ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު ބުންޏެވެ.

މިއަންނަ މަހުގެ 5ވަނަ ދުވަހު ގުއާމްގައި ގުއާމްއާއި ދެކޮޅަށް ރާއްޖެ ނިކުންނައިރު، މިއަންނަ މަހުގެ 10ވަނަ ދުވަހު ރާއްޖޭ ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.