ރިޕޯޓް

ގެއްލުމުގެ ބަދަލު، ދައުލަތުން ދިނުމުން އެކަނި ނުފުދޭ!


ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކޯޓުތަކުން ހުކުމްކުރުން މިއީ ރާއްޖޭގައިވެސް ޢާންމުކަމެއްކަމަށެވެ. ނަމަވެސް އެޙުކުމާއެކު ރައްޔިތުންގެ މާލިއްޔަތުން އެފައިސާދީ އެހައިހިސާބުން އެކަން ނިންމާލުން އެއީ ކަންބޮޑުވުމަކަށް ވަނީވެފައި، ސުވާލަކީ މިނޫން ގޮތެއް މިކަމުގައި އެބައޮތްތޯއެވެ؟

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދެއްކުމަށް ދައުލަތަށް އަންގައި ކޯޓުން ކޮށްފައިވާ ހުކުމް ތަކަށް ބަލާއިރު ފެންނަހުރި ބައެއް މައްސަލަތަކުގެ ތެރޭގައި މީގެ ކުރީގެ ސަރުކާރެއްގައި ކޮންމެވެސް ވުޒާރާއަކުން ދޭންޖެހޭ ފައިސާތަކެއް ޖޫރިމަނާއާއެކު ދެއްކުމަށް ހުކުމް ކޮށްފައި އެބަހުއްޓެވެ. އަދި ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަނބުރާ ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލަށް އެތައްމިލިޔަން ރުފިޔާއެއް ދިނުމަށް ކޮށްފައިވާ ހުކުމްތައް ހުރިއިރު އެއްބަސްވުމަކަށް އަމަލު ނުކޮށްގެން ކޮށްފައިވާ ހުކުމްތައްވެސް އެބަހުއްޓެވެ. އަދި މަދުންނަމަވެސް ޤާނޫނާ ޚިލާފަށް ބަންދުގައި ބެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭންޖެހެއެވެ.
ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބޭ ފަރާތަކުން ކުރާ ކަމަކުން ލިބޭ ގެއްލުމުގެ ބަދަލު ދައުލަތުން އެރައްޔިތަކަށް ދޭން ޖެހޭނެތޯ ނުވަތަ ނޫންތޯ އެއީ ބަހުސެއް ނޫނެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމަކީވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ދައުލަތަށް ގެއްލުންވި ސަބަބު ކަމަށްވާ އެއަމަލު ހިންގި މީހުނަށް އަދަބު ނުދެވޭތީއެވެ.

ބޮޑެތި ޢަދަދުތަކުން ބަދަލު ދޭންޖެހުމުން ހުރިހާ ބުރައެއް އޮތީ ސަރުކާރަށާއި ދައުލަތުގެ މާލިއްޔަތާ ހަވާލުވެ ތިބި ބަޔަކަށެވެ. ދެން އަޑު އިވެނީ އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ހުރިފައިސާ މަދުވުމުގެ ވާހަކައެވެ. ސަރުކާރަށް ތާޢީދުކުރާ މީހުންގެވެސް އެންމެ ބޮޑު ޝަކުވާއަކީ މިއީ ކަމަށްވާއިރު ޤާނޫނީ ފަރުވާއެއް މިކަމަށް ބޭނުންވެއެވެ.

ބަދަލުގެ ގޮތުގައި ދައުލަތައް ފައިސާ ދޭން ޖެހެނީ ދައުލަތުގެ މަގާމަކާ ޙަވާލުވެތިބޭ ބަޔަކު ކޮށްފައިވާ ކަމަކުން މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމެއް ސަބަބުންނެވެ. މީގައި ގެއްލުން ލިބެނީ އިންސާނަކު ކުރި ކަމަކުން ކަމަށްވާއިރު އެ އަމަލު ހިންގި މީހާގެ އަތުން ބަދަލު ހޯދިދާނެތޯ ކުރެވޭ ސުވާލަށް ޖަވާބު ބޭނުންވެއެވެ.

މިކަމުގައި ބައެއް ޤާނޫނީ ވަކީލުން ދެކެވަޑައިގެންނަވާ ގޮތުގައި ދައުލަތުން ބަދަލު ގޮތުގައި ފައިސާތަކެއް ދައްކަން ޖެހުމުން އެފައިސާ ދެއްކުމަށްފަހު ދެން ކުރަން ޖެހޭ، އެހެންނަމަވެސް ދައުލަތުގެ ފަރާތުން ނުކޮށްއޮންނަ ކަމެއް އެބައޮތެވެ. އެއީ ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ކުރާ ހުކުމުގެ މައްޗަށް ބަލައި އޭގެ ސަބަބުގެ މައްޗަށް ފިޔަވަޅު އެޅުމެވެ. ގިނަ ޢަދަދެއްގެ ފައިސާ ދޭންޖެހުނު މައްސަލައިގެ ސަބަބު ކަމަށްވި ޢަމަލު ހިންގިމީހާގެ އަތުން ބަދަލު ހޯދުން އެއީ ދައުލަތައް ކުރެވިދާނެ ކަމެއްކަމަށް ވަކީލުން ޤަބޫލު ކުރައްވައެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވި ރާއްޖޭގެ ޝަރުޢީ އޮނިގަނޑަށް ބަލާއިރު ދައުލަތަށް ބަދަލުދޭންޖެހޭ މައްސަލަތަކުގައި ބަދަލު ދިނުމަށްފަހު ގެއްލުދިން މީހާގެ އަތުން މާލީ ބަދަލެއް ނަގައިދޭން ހުށައެޅިދާނެއެވެ. އެކަން ކުރައްވަންޖެހޭނީ ދައުލަތުގެ ބަންޑާރަ ނާއިބުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

"ދައުލަތުން ބަދަލު ދޭން ޖެހުނީ އެއްބަސްވުމަކާ ހިލާފުވެގެން ނުވަތަ އަމަލު ނުކޮށްގެން ކަމަށްވިއަސް އަދި ވަޒީފާއިން ގާނޫނާ ހިލާފަށް ވަކި ކޮށްގެން ކަމަށްވިއަސް އެ އަމަލު ހިންގި މީހުންގެ ކިބައިން އެ ބަދަލުގެ ފައިސާ ހޯދަން މަދަނީ ދައުވާއެއް ކުރުމަށް ގާނޫނީ އޮނިގަނޑު ހުރަހެއް ނާޅާ. އެކަމަށް އާ ގާނޫނެއް ވެސް ބޭނުމެއް ނުވޭ،" ޝަމީމް ވިދާޅުވިއެވެ.

މިމައްސަލާގައި މަޝްހޫރު ޤާނޫނީ ވަކީލު އަދި ބާ ކައުންސިލް ރައީސް މައުމޫނު ޙަމީދުގެ ވިސްނުންފުޅުވެސް ބަދަލު ހޯދުމުގައި ހުރީ އެގޮތަށެވެ. މައުމޫނު ހަމީދު ވިދާޅުވި ގޮތުން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ ކަމަކުން ދައުލަތަށް ފައިސާ ދައްކަން ޖެހިއްޖެނަމަ އެފައިސާ ދައުލަތުގެ ހަޒާނާއިން ދެއްކުމަށްފަހު އެމިނިސްޓަރުގެ މުދަލުން އެފައިސާ ހޯދުމަށް ބަންޑާރަ ނައިބަށް ހުށަހެޅުއްވިދާނެކަމަށެވެ.

"ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި މީހާ އަތުން ބަދަލު ނަގާ ދިނުމަށް ހުށައެޅުމަކީ ކުރެވިދާނެ އަދި މި ވަގުތައް ކޮންމެހެން ކުރަންވެސް ޖެހޭ ކަމެއް،" މައުމޫނު ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ގިނަ ވަކީލުންގެ ވިސްނުންފުޅުވެސް ހުރީ ހަމަ މިބީދައިންނެވެ. ޢާނޫނާ ޚިލާފަށް ވާޒީފާއިން ވަކިކުރުމާ ގުޅިގެން އަލުން ވަޒީފާ ދިނުމަށްފަހު ގެއްލުމުގެ ބަދަލު ގެގޮތުގައި ފައިސާ ދައްކަން ކުރާ ހުކުމްތަކާ ގުޅިގެން ޤާނޫނާ ޚިލާފަށް އެމީހާ ވަޒީފާއިން ވަކިކުރި މީހާއާ ދެކޮޅަށް ވަކިން ދަޢުވާކޮށް އެފައިސާ ހޯދުންވެސް ހަމަ މީގެ ތެރޭގައި ހިމެނެއެވެ.
އެހެން އަމަލު ކުރަން ފަށައިފި ނަމަ އޭގެ ސަބަބުން ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތައްވެސް ކުޑަ ކުރެވިދާނެ ކަމަށް ބެލިވިދާނެއެވެ. އަދި ސިޔާސީ ބޭނުމަށް އެއްބަސްވުންތައް ރޫޅާލުމާއި އަމަލު ނުކުރުމާއި އަދި މަގާމުތަކުން މީހުން ވަކި ކުރުމަށް ހައްލެއް އައުމަކީވެސް އެކަށިގެންވާ ކަމެއްކަމަށް ގަބޫލުކުރެވިދާނެއެވެ.