ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޖާޒީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާގެ ވާވޭ ކުންފުންޏާއެކު އެއްވެސް ވިޔަފާރިއެއްކުރުމަށް މިވަގުތު އެމެރިކާއިން ބޭނުން ނުވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ވާވޭއާއެކު ވިޔަފާރިކުރަން ބޭނުންނުވާކަމަށާއި، ވާވޭއަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވާވޭއާއެކު ވިޔަފާރިކުރުން މުޅިން ހުއްޓާލި ނަމަވެސް، ވާވޭގެ ބައެއް ކަހަލަ ވިޔަފާރިތަކަށް އެމެރިކާގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ.
ވާވޭއާއެކު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިންގަން ބޭނުން ނުވާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެފައި މިވަނީ، އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ދީފައިވާ ވަގުތީ ހުއްދަ އައު ކުރުމާމެދު އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ބައެއް އޮފިޝަލުންނާ ޙަވާލާދީ ބައެއް ޚަބަރުތައް ބުނެފައިވަނީ، އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުމުގެ ހުއްދަ އިތުރު 90 ދުވަހަށް ވާވޭ ކުންފުންޏަށް ދިނުމަށް ކޮމާސް ޑިޕާޓްމަންޓުން ނިންމާފައިވާކަމަށެވެ. ނަމަވެސް އޭގެފަހުން ވާވޭއާއެކު ވިޔަފާރިކުރަން ބޭނުންނުވާކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ވާވޭއަށް ދީފައިވާ ވަގުތީ ހުއްދަ އެމެރިކާއިން އައު ކުރާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.