ޚަބަރު

އީދު ބަންދުގައި މާލެއިން އެކަނި 206 މައްސަލައެއް ފުލުހުނަށް ހުށައަޅާފައިވޭ


މިދިޔަ އަޟްޙާ އީދު، ބަންދުގެ ތެރޭގައި މާލެއިން އެކަނި 206 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުންގރ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ނުވަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ އިން މައްސަލަ ހުށައަޅާފައިވަނީ ހުޅުމާލެއިންނެވެ. އަދި ބަންދު ތެރޭގައި އެންމެ ގިނަ އިން މާލެއިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ވައްކަމުގެ 69 މައްސަލައެއް ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ފޭރުމުގެ 13 މައްސަލައެއް ހުށައަޅާފައިވާއިރު މާރާމާރީގެ 7 މައްސަލައެއްވެސް ވަނީ ހުށައަޅާފައެވެ. އަދި މުދަލާއި ތަކެތި ގެއްލިގެން 22 ހުށައަޅާފައިވާއިރު މަކަރާއި ހީލަތް ހެދުމާއި ކައުންޓަރފިޓްގެ ދެ މައްސަލައަކާއި ސައިބަރކްރައިމްގެ މައްސަލައަކާއި މަސްތުވާތަކެތީގެ 7 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަތަކުގެ އިތުރުން މަކަރާހީލަތުން ފައިސާ ހޯދުމުގެ ދެ މައްސަލައަކާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދެ މައްސަލައެއްގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ އެއް މައްސަލަ ހުށައަޅާފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ގެވެށިއަނިޔާގެ ދެ މައްސަލައަކާއި މުދަލަށް ގެއްލުން ދިނުމުގެ ފަސް މައްސަލައެއްގެ އިތުރުން މަގުމަތީ އެކްސިޑެންޓުގެ 40 މައްސަލައެއްވެސް މި މުއްދަތުގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އީދު ބަންދާ ދިމާކޮށް ކަނޑުމަތީގެ ދަތުރުތައް އިތުރުވެގެން ގޮސްފައިވާއިރު ކަނޑުމަތީ އެކްސިޑެންޓްގެ ގޮތުގައި 6 މައްސަލައެއްވެސް ހުށައަޅާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

އީދު ބަންދާ ދިމާކޮށް ކުށްތައް ގިނަވަމުންދާތީ ފުލުހުން ވަނީ އެ ދުވަސްތަކުގައި ޚާއްސަ އޮޕަރޭޝަންތައްވެސް ހިންގާފައެވެ.