ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނަގާނެ ގޮތުގެ ގަވާއިދެއް ހެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލްގަނީ ބުނީ މިފަދަ ގަވާއިދެއް މުހިންމުވާ ގިނަ ސަބަބުތަކެއް އެބަހުރިކަމަށް. ގަވާއިދުތަކެއްގެ ތެރެއިން ޤައުމީ ޓީމަށް ކުޅުންތެރިން ނަގާނަމަ ކުޅުންތެރިން ނަގާ ގޮތް އެންމެނަށް ވެސް ސާފުކޮށް އެނގޭނެ ކަމަށާއި ކުޅުންތެރިންނާއި ކޯޗުންނާއި ކުލަބުގެ ޝަކުވާ އާއި ޝައްކުތައް ފިލައިދާނެ ކަމަށެވެ.
އަދި މިފަދަ ގަވާއިދެއްގެ ސަބަބުން ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންގެ ކިބާގައި ހުންނަންޖެހޭ ފެންވަރު ވެސް ކުޅުންތެރިންނަށް ސާފުވެފައި އޮންނާނެ ކަމަށް.
މިހެންވެ މިފަދަ ގަވާއިދެއް އެކުލަވާލުމަށް އެފްއޭއެމުގެ ޓެކްނިކަލް ކޮމިޓީން ވަރަށް އަވަހަށް ބައްދަލުކޮށް މަސައްކަތް ފަށާނެ ކަމަށް އިހުސާން ފާހަގަކުރިއެވެ.
ގައުމީ ޓީމަށް ކުޅެން މިވަގުތު ބައެއް ކުޅުންތެރިން ދެކޮޅު ހަދާތީވެ މިފަދަ ގަވާއިދެއްގައި ގަސްތުގައި ޓީމުގައި ބައިވެރިނުވާ ކުޅުންތެރިންނާމެދު އަމަލުކުރާނެ ގޮތްތަކެއް ހިމެނުން ވެސް މުހިންމު ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އިހުސާން ބުނިއެވެ.