ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުޙައްމަދު ސަމާހަށް އިއްވި މަރުގެ ހުކުމް ކަށަވަރު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މީގެ ކުރިން އަޑުއެހުމެއް ބޭއްވިތޯ ސުވާލު އުފެދިއްޖެއެވެ.
ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް، މުޙައްމަދު ސަމާހް މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަށަވަރުކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ މަޖިލީހުން ކުރިއަށް ގެންދެވަން އުޅުއްވީ ފުރަތަމަ އަޑުއެހުމުގައި ކުރިއަށްދާ މަރުހަލާއެވެ. އެގޮތުން މައްސަލައިގައި އެދިވަޑައިގެންފައިވާ ގޮތާއި ފާހަގަ ކޮށްފައިވާ ކަންކަން ޝަރީއަތުގެ މަޖިލީހަށް ހުށައެޅުމަށް އެ މައްސަލަ ހުށައެޅުއްވި ޕްރެސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލުނަށް ފުރުސަތު ދެއްވިއެވެ.
ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އެކަންކަން ހުށަހަޅާފައިވާކަމަށެވެ. އަދި އެ އަޑުއެހުމުގައި ސަމާހުގެ ފަރާތުން ވަކީލަކާއެކު ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށް އެދުމުން އެ އަޑުއެހުން އެ ދުވަހު ނިންމަވާލެއްވި ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޙަސަން ޢަލީ ވިދާޅުވީ މިހާރު އެ މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރުން ތިއްބަވައިގެން އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ކުރިން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ކުރިން ބޭއްވިކަން އެ ކޯޓުގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށެވެ. އަދި ސަމާހުގެ އިތުރު މައްސަލައެއް ހައި ކޯޓުގައި ހިނގަމުން ދޭތޯ ސަމާހުގެ ގާތުން ސާފު ކުރުމުން އޭނާ ބުނީ އިތުރު މައްސަލައެއް ހައި ކޯޓުގައި ނޯންނާނެ ކަމަށެވެ. އަދި އޭނާވެސް ވަނީ އެ މައްސަލައިގައި ކުރިން އަޑުއެހުމެއް ބާއްވައި، ވަކީލަކާ އެކު ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދިން ކަމަށްވެސް ބުނެފައެވެ.
ނަމަވެސް މި އަޑުއެހުމަށްވެސް ސަމާހްގެ ވަކީލަކު ހާޒިރުވެފައިނުވާތީ ޝަރީއަތުން ވަނީ ވަކީލު މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ސަމާހު ބުނީ ވަކީލު މިއަދު ހާޒިރުނުވާ ކަމަށާއި ނަމަވެސް އޭނާ އަދިވެސް ބޭނުންވަނީ ވަކީލަކާއެކު ކުރިއަށް ގެންދަން ކަމަށެވެ.
އެކަމަކު މިހާރު އެ މައްސަލަ ބަލާ ބެންޗުން މީގެކުރިން އެ މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއިރު ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުމެއް ކުރިއަށް ގެންދިޔައީ މިމަހުގެ ކުރީކޮޅުގައިކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލީ ހައި ކޯޓުގެ ކޮން ސެކްޝަނެއްކަން މިހާރު ހަނދާން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަ ހައި ކޯޓުން ކުރިން ކުރިއަށް ގެންގޮސްފައިވާކަން ނުވަތަ ނޫންކަމާ މެދު ސުވާލު އުފެދުމުން ފަނޑިޔާރުންގެ ބެންޗުން ނިންމީ އެކަންކަން ސާފު ކުރުމަށްޓަކައި އެ އަޑުއެހުން ހުއްޓާލުމަށެވެ. ހައި ކޯޓުން ހުރިހާ މައްސަލައެއް ވެސް ފެށިގެންގޮސް ނިމެންދެން ބަލާނީ އެއް ބެންޗަކުންނެވެ. އަދި ބެންޗަށް ބަދަލެއް އައި ނަމަވެސް މައްސަލަ ކުރިއަށް ގެންދާނީ ކުރިން އެ މައްސަލައެއް ގޮސްފައި އޮތް ހިސާބުން ފެށިގެންނެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޙަސަންގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޙަސަންއެވެ.
ކ. ކާށިދޫގައި ޕޮލިސް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އޭނާގެ ގާޠިލް، މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުއެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.