ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލަށް ގިނަ އިސްލާޙުތަކެއް ގެސް އެބިލް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ޤާނޫނަށް ގިނަ އިސްލާހްތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނާ ހުށައެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރީ އެކޮމިޓީގެ ސަބް ކޮމެޓީއަކުންނެވެ. އެކޮމެޓީން ގެނައި އިސްލާހްތަކާއެކު ޖުޑިޝަރީ މައި ކޮމެޓީންވެސް މިހާރު ވަނީ ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތަކުގެ ތެރޭގައި ޢުމުރުން 40 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެކަމަށް އެބިލް ހުށައެޅިއިރު އޮތްނަމަވެސް ކޮމެޓީން ވަނީ އެމާއްދާ ބަދަލުކޮށް 30 އަހަރަށް ބަދަލުކޮށްފައެވެ.
ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެދަށުން ސިޔާސީ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ޖޭއެސްސީގެ މެމްބަރެއްގެ މަޤާމު ހުސްވާނެކަމަށް ކަނޑައަޅަން ބިލްގައި އޮތް ނަމަވެސް ކޮމެޓީ މަރުހަލާގައި އެންމެ ފަހުން ނިންމާފައި އޮތީ މިހާރުވެސް އޮންނަ ގޮތައް ސިޔާސީ މަގާމަކަށް ކުރިމަތިލާ ހިސާބުން މަގާމު ގެއްލޭނެ ގޮތައް ކަނޑައެޅުމަށެވެ.
މީގެ އިތުރުން މިހާރު ހިނގަމުން އަންނަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި ޖޭއެސްސީގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއް އުފެދިގެންދާނެކަމަށް ބަޔާންކޮށް ޤާނޫނަށް އިސްލާހް ގެނައުމަށްވެސް ކޮމެޓީންވަނީ ފާސްކޮށްފައެވެ. އަދި އެޑިޕާޓްމަންޓްގެ އިދާރީ އެންމެ އިސް މީހަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށާއި އެ މަގާމަށް މީހަކު އައްޔަން ކުރާނީ ޖޭއެސްސީ އިން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެއިސްލާޙް ގާނޫނަކަށް ވުމާއެކު މިހާރު ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްކޮން ހުންނެވި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމު ގެއްލޭނެއެވެ.
ޖޭއެސްސީން މިހާރު ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ކުރިއަށްގެންދާ އިޖްރާއަތްތައްވެސް ބަދަލުކުރުމަށް ހުށައަޅާފައިވާ މިބިލްގައިވާ ބައެއް ކަންކަމަށްވެސް ކޮމެޓީންވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޖޭއެސްސީން ބަލާ މައްސަލައެއް ރައްދުވާ ފަނޑިޔާރަކަށް ވަކީލަކު އައްޔަންކުރަން 3 ދުވަހުގެ ފުރުސަތެއް ދޭންވާނެކަމަށް ބުނެފައިވާމައްދާ ވަނީ މަދުވެގެން 24 ގަޑިއިރު ދޭންވާނެކަމަށް ކަނޑައަޅަން ފާސްކޮށްފައެވެ. ހަމަ އެގޮތައް ތަހްގީގު ކޮމެޓީން ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ދެފަރާތުން ހުށައަޅަންޖެހޭ ހެކި ހުށަހަޅައި އެހެކިތަކުގެ މައްޗަށާއި އަދި މުޅި މައްސަލައާމެދު ޖުމްލަ ވާހަކަ ދެއްކުމަށް އެއް އަޑުއެހުން ބާއްވަންވާނެކަމަށް ބިލްގައި އޮތް މާއްދާ އުނިކުރުމަށްވެސް ކޮމެޓީންވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީން މައްސަލައެއް ބެލުމަށްފަހު ފަނޑިޔާރަކާމެދު އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް މި ބިލްގައި ހިމަނަފައިވާ ބައެއް ކަންކަންވެސް ކޮމެޓީ މަރުހަލާގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެފަނޑިޔާރަކަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި އިންޒާރު ދިނުން ނުހިމެނޭ ގޮތައް އިސްލާހްކޮށްފައިވާއިރު މުސާރައާއި ޢިނާޔަތް ލިބޭގޮތައް ނުވަތަ ނުލިބޭ ގޮތައް ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާއަށް ނިކުމެވިދާނެކަމަށް އޮންނަ އޮތުންވަނީ ތިން މަސްދުވަހަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ވެސް ފަނޑިޔާރަކު ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުން ފިޔަވައި އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށް 30 ދުވަސް ލިބޭނެކަމަށް ބިލްގައި އޮތްއޮތުން މިހާރުވަނީ ބަދަލުކޮށް 10 ދުވަސް ކަމަށް ވެސް ފާސްކޮށްފައެވެ. އެއާއެކު ފަނޑިޔާރަކު ވަކިކުރަން ނިންމާ ނިންމުން އެއްވެސް ތާކު އިސްތިއުނާފެއް ނުކުރެވޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ޖޭއެސްސީގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ދިރާސާ ކުރުމަށްފަހު ގެނައި ބަދަލުތަކާއެކު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.