ވިޔަފާރި

ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރިކުރުމަށް ވަކި ސިޔާސަތުތަކެއް ކަނޑައަޅަނީ


ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ވަކި ސިޔާސަތުތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ބީލަންވެރިންގެ މަހާސިންތާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ ކޮންސްޓްރަކްޝަންގެ ދާއިރާގައި ރެގިއުލޭޓް ނުކުރެވި ހުރި ބޭރުގެ ގިނަ ކޮންޓްރެކްޓަރުން ރާއްޖޭގައި މަސައްކަތްކުރަމުންދާކަމަށެވެ.

މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވީ މިކަމަށް ވަކި ސިޔާސަތުތަކެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގައި ބޭރު އިންވެސްޓަރުންނަށް ވިޔަފާރިކުރުމަށް ވަކި ހުދޫދުތަކެއް ކަނޑައެޅުމާއި ދައުލަތުގެ ޕްރޮޖެކްޓްތަކުގައި ދިވެހި ކޮންޓްރެކްޓަރުން ބޭނުންކުރުން ލާޒިމްކުރުން ހިމެނޭކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

"މީގަ އަޅުގަނޑުމެން ވަކި ހުދޫދުތަކެއް ކަނޑައަޅައިން ވަކި ގޮތްތަކެއް ގެނައުމަށް މަސައްކަތް މިކުރަނީ. އެގޮތުން މިހާރު ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރެވޭނެ ވިޔަފާރިގެ ލިމިޓް ވިސްނުން އެއީ އެއްކަންތައް. ހަމައޭގެ އިތުރުން ޚާއްސަކޮށް ދައުލަތުގެ ވަކި ޕްރޮޖެކްޓްތަކަށް ބޭރު މީހުންނާއި ހަވާލުކުރެވޭއިރު ދިވެހި ކޮންޓްރެކްޓަރަކާއި ޖޮއިންޓް ވެންޗަރ ކުރުން މަޖުބޫރު ކުރެވޭ އުސޫލަކާއި ހަމައެޔާއެކު ޕްރައިވެޓް ސެކްޓަރއަށް ވެސް މި އުސޫލު ގެނައުމަށް އެބަ ވިސްނަން."

މީގެ އިތުރުން ވެސް މިނިސްޓަރ ފައްޔާޒް ވަނީ މަސައްކަތެރިކަމުގެ ދާއިރާއަށް ދިވެހިން ނެރުމުގެ މުހިއްމުކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން މަދުކޮށް ދިވެހިން މިދާއިރާއަށް ގެނައުމަށް ސްކިލް ޑިވެލޮޕްމެންޓްގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.