ޚަބަރު

ކަޅުއޮށްފުންމީގެ ނަކަލު ހެދުމަށް ޖަމްއިއްޔާއަކާއި ހަވާލުކޮށްފި


ކަޅުއޮށްފުންމީގެ ނަކަލަށް ބޯޓެއް ބަނުމަށް މިނިވަން ފަންސާސް އޮފީހާއި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ މެރިޓައިމް އަންޑަރ ވޯޓަރ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ.މިނިވަން ފަންސާސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވީ ކަޅުއޮށްފުންމި ގޮތަށް އުޅަނދެއް ބަނުމަށް ދިރާސާކުރުމަށާއި އޮޑި ބަނުމުގެ މަސައްކަތަށް މެރިޓައިމް އަންޑަރ ވޯޓަރއަށް ދީފައިވަނީ ޕްރޮފެޝަން ފީއެއްކަމަށެވެ.ޕްރޮފެޝަން ފީއެއްގެ ގޮތުގައި އެ ޖަމްޢިއްޔާއަށް ދެވެނީ އެއް މިލިއަން ފަސްލައްކަ ފަންސަވީސްހާސް ރުފިޔާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވީ އޮޑި ބަނުމުގެ މަސައްކަތް އޮގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށާއި ވަޑިންވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ރުށް ލަކުނޑި ކުރިއަށް އޮއް ހަފްތާގެ ތެރޭގައި ކަނޑަންފެށޭނެކަމަށާއި ކުރެދި ހޯދުމުގެ މަސައްކަތްވެސް ފެށޭ ހަފްތާގެ ތެރޭގައި ކުރެވޭނެކަމަށް ވިދާޅުވި. ސަލީމް ވިދާޅުވީ ޖުލައިމަހުގެ ތެރޭގައި އޮޑި ބަނުމުގެ މަސައްކަތްފެށޭނެކަމަށެވެ.އޮޑި ފަރުމާކުރާއިރު އޮޑީގައި ފޮތި ރިޔަލަކާއި ފަން ރިޔަލެއްވެސް އޮންނާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މެރިޓައިމް އަންޑަރ ވޯޓަރ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ކަޅުއޮށްފުންމި ބަނުމަށް ކުރި ދިރާސާއިން ބޯޓްގެ ބޮޑު މިނުގައި ފަންސާސް އެއްފޫޓް ހަތަރު އިންޗި ހުރިކަން އެނގިފައިވާކަމަށެވެ.އެހެންކަމުން އޮޑި ބަންނާނީ އެ ދިގުމިނަށްކަމަށާއި އޮޑި ރަގަޅަށް ބަލަހައްޓައިފިނަމަ އަށްޑިހަ އަހަރާއި ސަތޭކަ އަހަޜާއި ދެމެދަށް އޮންނާނެކަމަށާއި އަދި އެ ޖަމްޢިއްޔާއިން އެއްވެސް އުޖޫރައަކާއި ނުލާ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެކަމަށެވެ.ކަޅުއޮށްފުންމިއަކީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު އެ މީހުންގެ އަޅުވެތިކަމުން ގައުމު މިނިވަންކުރުމަށް ކުރި ޖިހާދުގައި އުތީމު ތިން ބެއިން ބޭނުންކުރެއްވި އޮޑިއެވެ.ކަޅުއޮށްފުންމި ގޮތަށް އޮޑިއެއް ބަނުމަށްފަހު އެހެލާފައި ބަހައްޓަން ނިންމާފައި ވަނީ ސަލްޓަން ޕާކުތެރޭގައެވެ.