ވިޔަފާރި

އެމެޒޯން ކުންފުނީގެ އެންމެ ބޮޑު އޮފީސް އިންޑިއާގައި ހުޅުވައިފި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ އެމެރިކާގެ އެމެޒޯން ކުންފުނިން ތަރައްޤީކުރި އެންމެ ބޮޑު އޮފީސް ޢިމާރާތް އިންޑިއާގައި ހުޅުވައިފިއެވެ.

އެމެޒޯން ކުންފުނީގެ މި އޮފީސް ހުޅުވާފައިވަނީ މިދިޔަ ބުދަދުވަހު އިންޑިއާގެ ހައިދަރްއާބާދުގައެވެ. 9.5 އޭކަރުގެ ބިމެއްގައި އިމާރާތްކޮށްފައިވާ މިއޮފީހުގައި 1.8 މިލިއަން އަކަ މީޓަރުގެ ޖާގައެއް އޮވެއެވެ. ހައިދަރްއާބާދުގައި ހުޅުވި އޮފީސް ވެގެންދާނީ އެމެޒޯން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައި ހުރި އޮފީސްތަކުގެ ތެރެއިން ޖާގައިގެ ގޮތުން އެންމެ ބޮޑު އޮފީހަށްކަމަށް އެކުންފުނިން ބުނެއެވެ.

އެމެޒޯންއިން ބުނާގޮތުން މިއޮފީހުގައި 15 ހާސް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެއެވެ. މިއީ އިންޑިއާގައި މަސައްކަތްކުރާ އެމެޒޯންގެ 62 ހާސް ފުލްޓައިމް މުވައްޒަފުންގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ. ފުލްޓައިމް މުވައްޒަފުންގެ އިތުރުން ސަތޭކަ ފަންސާސް ފަސް ހާހެއްހާ މީހުން ކޮންޓްރެކްޓަށްވެސް އިންޑިއާގައި މަސައްކަތްކުރެއެވެ. އެހެންކަމުން އިންޑިއާއަކީ އެމެރިކާއަށްފަހު އެމެޒޯންގެ މުވައްޒަފުން އެންމެ ގިނަ ޤައުމެވެ. އަދި ހައިދަރްއާބާދުގައި ހުޅުވި އޮފީހަކީ އެމެރިކާއިން ބޭރުގައި ހުރި އެމެޒޯންގެ އޮފީސްތަކުގެ ތެރެއިން އެމެޒޯންގެ މިލްކުވެރިކަމުގެ ދަށުގައި ހުރި ހަމައެކަނި އޮފީސްވެސްމެއެވެ.

އެމެޒޯންއިން އިންޑިއާގައި ހިންގާ ވިޔަފާރި ފުޅާކުރުމަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ އެތައް ބިލިއަން ޑޮލަރެއް އެޤައުމުގައި އިންވެސްޓްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހައިދަރްއާބާދުގައި އެމެޒޯންއިން ބޮޑު އޮފީހެއް ހުޅުވާފައިވާއިރު، އެސިޓީގައި މިހާރުވެސް ދުނިޔޭގެ މަޝްހޫރު ކުންފުނިތައްކަމަށްވާ މައިކްރޯސޮފްޓާއި އަކިއާގެ އޮފީސްތައް ވަނީ ޤާއިމްކޮށްފައެވެ.