މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދުތަކުގެ ތެރެއިން 76 އިންސައްތައަކީ ރިކަރަންޓް ޚަރަދު ނުވަތަ ސަރުކާރު ހިންގުމުގެ ޚަރަދުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 14.53 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުރެވުނު ޚަރަދުވަނީ 14.75 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ލިބުނު އާމްދަނީއަށްވުރެ 216.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާލާއިރު، ޓެކްސްގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެހީގެ ގޮތުގައި 570 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުން ކުރި ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދު ނުވަތަ ސަރުކާރު ހިންގުމުގެ ޚަރަދު 11.1 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ދައުލަތުން ކުރި ޚަރަދުގެ 76 އިންސައްތައެވެ. ކެޕިޓަލް ޚަރަދު ނުވަތަ ތަރައްޤީގެ މަސައްކަތަށް ހޭދަކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. މިމުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ ލޯނު އަނބުރާ ދެއްކުމަށް 690 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފައިވާއިރު، ސަރުކާރުން ވަނީ ބަޖެޓް އިތުރުކުރުމަށްޓަކައި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ.