ކުރީގެ ފިލްމްތަކުގެ ސީކުއެލްތައް ނުވަތަ ރީމޭކް ހެދުމަކީ މިހާރު އިންޑިއާގެ ބޮލީވުޑް ސިނަމާގައިވެސް އާއްމުކަމެކެވެ.
އެގޮތުން މިފަހަރު މިއޮތީ މިފަދަ ފިލްމެއްގެ ރީމޭކެއްގެ ވާހަކައެވެ. މިފަހަރު ދައްކާލަން މިއުޅެނީ 80 ގެ އަހަރުތަކުގައި ރިލީޒްކުރި އެންމެ ކާމިޔާބު ހިންދީ ފިލްމްތަކުގެ ތެރޭގައި ގުނާލެވޭ ފިލްމެއްގެ ވާހަކައެވެ. އެމެރިކަން މިއުޒިކަލް ފިލްމް "ސެވަން ބްރައިޑްސް ފޯރ ސެވަން ބްރަދާރސް" އަސްލަކަށް ބަލައިގެން 1982ވަނަ އަހަރު ރިލީޒްކުރި "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކެއް ހެދުމަށް މަޝްހޫރު ދެ ޑައިރެކްޓަރުންކަމަށްވާ ފަރަޙް ޚާނާއި ރޯހިތު ޝެޓީ މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި ފިލްމުގެ ރީމޭކެއް ހަދަން އުޅޭކަން އިޢުލާންކުރި ހިސާބުންވެސް އެންމެގިނަ ބަޔަކު ޝަޢުގުވެރިކަމާއެކު އިންތިޒާރުކުރަމުންދަނީ ފިލްމުގެ ކާސްޓު އިޢުލާންކުރާނެ އިރަކަށެވެ. އަސްލު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އަމިތާބުގެ ކެރެކްޓަރއިން ޝާހުރުކް ޚާން، ރިތިކް ރޯޝަން ނުވަތަ އަކްޝޭ ކުމާރު ފެނުންގާތްކަމަށްބުނެ ބައެއް އަޑުތައް މިހާރުވެސްވަނީ ފެތުރިފައެވެ. މިއާއެކު ލީޑު އެކްޓްރެސް ހެމާ މާލިނީގެ ރޯލުން ފެނިގެންދާނެ ފަންނާނަކާމެދުވެސް މިހާރު މިވަނީ ސުވާލު އެފެދިފައެވެ.
ބޮލީވުޑުގެ ޚަބަރުތައްގެނެސްދޭ ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވާގޮތުން "ސައްތޭ ޕޭ ސައްތާ"ގެ ރީމޭކުން ލީޑް އެކްޓްރެސްއެއްގެ ރޯލު ފުރަތަމަ ހުށަހެޅުނީ ބަޠަލާ ދީޕިކާ ޕަޑުކޯންއަށެވެ. ނަމަވެސް އެކަންވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވާއިރު، މިހާރު މިވަނީ މިފިލްމުގެ ލީޑު އެކްޓްރެސްގެ ރޯލު އަނުޝްކާ ޝަރުމާއަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. އަދި ފިލްމުގެ ކޮންސެޕްޓާއި، ސްޓޯރީ އައިޑިއާ ޑައިރެކްޓަރުންގެ ފަރާތުން އަނުޝްކާއަށް ހުށަހަޅާފައިވާކަމަށާއި، ފިލުމުގައި ބައިވެރިވުމާމެދު އަނުޝްކާ އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށްވެސް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.
ކައިވެންޏަށްފަހު އަނުޝްކާ ވަނީ ފިލްމީ ދުނިޔެއާއި ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލާފައެވެ. އޭނާ އެންމެފަހުން ފެނިފައިވަނީ ޝާހުރުކް ޚާނާއެކު ފިލްމް "ޒީރޯ"އިންނެވެ. މިކަމާގުޅޭގޮތުން ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ފިލްމް ފެއަރ"އަށް ދިން އިންޓަރވިއުއެއްގައި އަނުޝްކާ ބުނެފައިވަނީ ޒީރޯގެ ޝޫޓިންގއަށްފަހު އޭނާ ބްރޭކެއް ނަގަން ބޭނުންވީކަމަށެވެ. އަދި ފުލުފުލުގައި 3 ފިލްމެއްގައި މަސައްކަތް ކުރަންޖެހުމާއެކު، އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރަން ބޭނުންވީކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކޮންމެއަކަސް "ސައްތޭ ޕޭ ސައްތާ"ގެ ރިމޭކާމެދު ކުރެވޭ އުއްމީދުތައް ބޮޑުވެފައިވާއިރު، މި ފިލްމުން ފެނިގެންދާނެ ސްޓާރުން ހާމަކުރާނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.