މުނިފޫހިފިލުވުން

"ބާލާ" ޓީޒަރ- އަޔުޝްމަން ބޮލަކު އިސްތައްޓެއް ނެތް


ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރީ އަޔުޝްމަން ކުރާނާގެ އެންމެ އަވަހަށް ދެން ބޮޑު ސްކްރީނުން ފެނިގެންދާނީ ބޮލުގައި އިސްތަށި ނެތް މީހެއްގެ ރޯލުންނެވެ.
"ބާލާ" ގެ ނަމުގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މި ފިލްމެ ޓީޒަރ އަޔުޝްމަން ވަނީ މިއަދު އޭނާގެ އިންސްޓަރ ގްރާމް މެދުވެރިކޮށް ދައްކާލާފައެވެ.

ފިލްމްގެ ޓީޒަރ އިން ފެނިގެންދަނީ ތޮއްޕެއް އަޅައިގެން ސައިކަލެއްގައި ދުއްވަމުންދިޔަ އަޔުޝްމަން ކޮންމެ މީހަކުވެސް އޭނަ ފަދަ މީހަކު ލޯބި ވުމަށް ބޭނުންވާނެކަމަށް ބުނެ ލަވަކިޔަމުންދާ ތަނެވެ. އެހެންނަމަވެސް ކުއްލިއަކަށް އަންނަ ވައިރޯޅިއަކުން ބޮލުގައި އިން ތޮފި ވިއްސާގައިގެން ގޮސް އޭނާގެ އަސްލު ސިފަ ފެނުމުން ދައްކަމުން ދިޔަ ވާހަކަ މުޅި ބަދަލުވެއެވެ. އަދި ކުރިން ދައްކަމުންދިޔަ ވާހަކަތައް ދޫކޮށްލާ މީހަކު ދެކެ ލޯބި ނުވާނެކަމަށް ބުނެ ކުރިން ކީ ލަވައިގެ ރާގު މުޅިން ބަދަލުކޮށްލައެވެ.

"ސްޓްރީ" ގެ ޑައިރެކްޓަރ އަމަރް ކައުޝިކް ޑައިރެކްޓްކުރާ "ބާލާ" މި ފިލްމުގެ ވާހަކަ ތަފާތުވާނެކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންނެވެ. އަޔުޝްމަން ކުރާނާ އާއި އެކު މިފިލްމުގެ ލީޑްރޯލުން ދެން ފެނިގެންދަނީ ޔާމީ ގޯތަމާއި ބޫމީ ޕެޑްނޭކަރު އެވެ. މި ފިލްމްގައި ފެނިގެންދާނީ ޒުވާން އުމުރުގައި ބޮލުން އިސްތަށި ފޭބުމުގެ މައްސަލަތައް ތަހައްމަލުކުރާ ޒުވާނަކަށް ދިމާވާ ކަންތައްތަކެވެ.

ފިލްމް " ބާލާ" ގައި ޖާވިދު ޖެފްރީއާއި ޝައުރަބް ޝުކްލާގެ އިތުރުން ސީމާ ޕައުވާ ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ.

މީ އަޔުޝްމަން ކުރާނާ ޔާމީ ގޯތަމްއާއި އެކު ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެކުރިން މި ދެ ތަރިން އެކުގައި ފެނިގެންގޮސްފައިވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރު ނުކުތް "ވިކީ ޑޯނަރ" އިންނެވެ.

މިއަހަރުގެ މޭ މަހު ޝޫޓިން ފެށި "ބާލާ" ސްކްރީންތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަދުވަހުއެވެ.

މި ފިލްމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަޔުޝްމަން ކުރާނާ ބުނެފައިވަނީ އެނާގެ ފިލްމްތައް އާއްމުކޮށް ބައްޓަންކުރެވިފައިވަނީ އެކި މީހުންނަށް ދަމާވާ ކަންތައްތަކަށް ބިނާކޮށްކަމަށާއި މި ފިލްމު ވެގެންދަނީ އެތައް ފިރިހެނުންނަށް ދިމާވެފައިވާ މައްސަލަތަކެއް ވާހަކަތައް ކިޔާދޭ ފިލްމެއް ކަމަށެވެ.

އަޔުޝްމަން ކުރާނާ ވަނީ މިދިޔަ އަހަރުވެސް ކާމިޔާބު ފިލްމަތަކަކުން ފެނިގެންގޮސްފައެވެ. މިގޮތުން މިދިޔަ އަހަރު ނުކުތް "ބަދާއީހޯ" އާއި "އަންދާދުން" މި ފިލްމުތަކުގައި އަޔުޝްމާން ދައްކުވައިދިން އެކްޓަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.