މި ސަރުކާރުގެ ކޯލިޝަނުން އިސްވެ ޖުމްހޫރީ ޕާޓީ ވަކިނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގައި ކުރިން އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ތަރައްޤީޤެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރުން ލަސްކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން މީގެ ކުރީ ސަރުކާރުތަކުންވެސް މަޝްރޫއުތައް ހިންގަން ފަށައިގަނެވިފައިވަނީ ވެރިކަމުގެ ދެ ވަނަ އަހަރު ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް ކަމެއް ނުކުރައްވާ ކަމަށްވަންޏާ އަޅުގަނޑުމެން މި ގޮތުގައި ތިބޭނަން ކޯލިޝަނުގައި މި ގޮތައް،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްކަމުން ސަރުކާރަށް ފާޑުކިޔާ އެއްޗެތި ގޮވާ ބަޔަކަށް ވެގެން ނުވާނެކަމަށް ވިދާޅުވެ، އެގޮތައް ޕާޓީގެ އެހެން ބޭފުޅަކުވެސް އަމަލު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ޤާސިމް ވިދާޅުވީ މި ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރާނީ ވަރަށް ބޮޑަށް ބަލާފައި ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް މީހުން އިތުރުކުރުމަށް ކުރާ މަސައްކަތަކީ ޕާޓީ ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތެއްކަން ޤާއިމް ވަނީ ފާހަގަކުރައްވާފައެވެ. ގާސިމް ވަނީ އެ ޕާޓީން އަމަލު ކުރަމުންދާ ބައެއް އުސޫލުތައް ބަދަލު ކުރުމަށް ކައުންސިލަށް ހުށައަޅުއްވަން ނިންމާވާފައިވާކަން ފާހަގަ ކުރައްވައި ކުރިމަގުގައި އެ ޕާޓީން ފެނިގެންދާނެ ބައެއް ބަދަލުތަކުގެ މައްޗަށް ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޕާޓީން އިސް މަޤާމުތަކަށް ޕާޓީގެ ކޮންގްރެސްއަކުން މީހުން އިންތިހާބުކުރާ އުސޫލު ބަދަލުކޮށް ޕާޓީގެ އާންމުންގެ ސީދާ ވޯޓަކުން އެމަޤާމުތަކަށް މީހުން އިންތިހާބުކުރާ ގޮތައް ހަމަ ޖައްސަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.