ޚަބަރު

އަރުހަމްގެ މަރުގެ މައްސަލައިގެ ސިއްރު ހެކިންގެ މައުލޫމާތު ހާމަވެއްޖެ


ހއ. ހޯރަފުށީ ނޫރީގޭ، މުޙައްމަދު އަރުހަމް މަރާލުމުގެ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދަށު ކޯޓުގައި ސިއްރުން ހެކިބަސްދިން މީހުން ނަންތައް އޮޅިގެން ހާމަވެއްޖެއެވެ.

އަރްހަމް މަރާލުމުގެ ދައުވާ ދައުލަތުން އުފުލީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމް ގެ މައްޗަށެވެ. ނަމަވެސް ވިސާމް ފިޔަވާ ދެން ތިބި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާ އޭނާ މެރުމަށް ދަށުކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގއި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލްކޯޓުން ކުރި ހުކުމް ބާތިލުކޮށްދިނުމަށް އެދި އެ މައްސަލަ އިސްތިއުނާފުކުރީ ޕީޖީ އޮފީހުންނެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ދަށު ކޯޓުގައި ކާކުކަން ނޭނގޭ ގޮތައް ސިއްރުން ހެކިބަސް ދިން މީހުންގެ މައުލޫމާތު ޕީޖީ އޮފީހަށް ހާމަކުރެވިފައިވާކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޖެހޭނީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލްކަމަށްވެސް ފަނޑިޔާރު ޝުއައިބު ވިދާޅުވިއެވެ.

މައްސަލާގައި ހިމެނޭ ސިއްރު ހެކިންގެ ވަނަވަރުތައް ހާމަވެފައިވަނީ ދަށުކޯޓްގައި އެ މައްސަލާގެ ހުލާސާ ބަޔާން އިއްވިއިރުއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ހިމެނޭ 4 މީހުންގެ މައްޗަށްވެސް ހުށައަޅާފައިވަނީ އެއް ހެކިތަކެއްކަމަށެވެ. އެހެންނަމަވެސް އެކަކަށް މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭކަމަށެވެ. އަދި ހެކިންގެ ހެކިން ބަހަށް ބަލާއިރު މި މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް ކުށް ސާބިތުވާނެކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުވާލިބޭ ތިން މީހުންގެ ވަކީލް ލިޔުމުން ޖަވާބު ދާރީވުމަށް އެދިވަޑާއިގަތުމުން މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދިނުމަށްފަހުއެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގެ ކިޔަވަމުން ދިޔަ އަރުހަމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާއެވެ. މި މައްސަލަގައި ދަށު ކޯޓުން ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 15 ޖެނުއަރީ 2017ގައެވެ. މައްސަލައި ހިމެނޭ ތިން މީހުން ބުނީ އެ މައްސަލައިގެ ބާވާތުގެ ގޮތުން މައްސަލައިގައި ވަކާލާތުކުރާނެ ވަކީލަކު ލިބުން ވަރަށް ދަތި ކަމަށެވެ.