ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޢަބްދުﷲ ދީދީ އެ މަޤާމުން ވަކިކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލެއްވުމަށް ހުޅުވާލީ އެ މަޤާމަށް ބޭފުޅަކު ހަމަޖެއްސުމަށް ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ ކޮމިޝަނުގެ ލަފާފުޅަށް އެދިވަޑައިގަތުމާ ގުޅިގެންކަމަށެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުގެ 12:00 ނިޔަލަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރައްވަން ފެނިވަޑައިގެންނަވާ ބޭފުޅެއްގެ ނަމަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީގެ ލަފާފުޅަކަށް އެދިވަޑައިގެންނެވޭނެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ވަކިން އެނގޭނެ ގޮތައް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވަވަންވާނެ ކަމަށް ސް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޢަބްދުﷲ ދީދީ ވަކިކުރެއްވީ އޭނާ އެ މަޤާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމައި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއާއެކު މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 4 ފަނޑިޔާރުންނެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭއިރު ސުޕްރީމް ކޯޓަށް ބޭނުންވާ ދެ ފަނޑިޔާރުންގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް މަޖިލީހުގެ ކޮމެޓީން މިހާރު ވަނީ ދެ ބޭފުޅުޅަކަށް ރުހުންވެސް ދެއްވާފައެވެ. ނަމަވެސް އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރުމާމެދު އަދި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާފައެއްނުވޭ.