ކުޅިވަރު

ގައުމީ އަންހެން ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު މާލޭގެ ޓީމު ކާމިޔާބުކޮށްފި


ފުވައްމުލަކުގައި މިއަދު ފެށި ތިންވަނަ ޤައުމީ ޓީ 20 އަންހެން ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު މާލޭ ޓީމު ކާމިޔާބުކޮށްފިއެވެ.

ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ މާލެއިން ކާމިޔާބުކުރީ ވިލިމާލޭ ޓީމާއި ވާދަކޮށް ހަ ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ވިލިމާލެއިން ނިންމީ ބެޓް ކުރާށެވެ. އެގޮތުން ވިލިމާލެއިން ކުޅެން އަރާ 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެޓީމަށް ހެދުނީ 49 ލަނޑެއެވެ. މި މެޗުގައި ވިލިމާލޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައަށް 19 ލަނޑު ހެދި އައިޝަތު ހަމްޒާއެވެ.

ޖަވާބުގައި މާލޭ ޓީމު ކުޅެން އަރައި 8.4 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 50 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. މާލޭ ޓީމުން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ކިނާނަތެވެ. އޭނާ ވަނީ މި މެޗުގައި 8 ބޯޅައަށް 14 ލަނޑު ހަދާފައެވެ. އަދި ވިލިމާލެއިން ބެޓް ކުރި އިނިންގްސްގައި ކިނަނާތު 5 ވިކެޓް ނަގާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާލޭ ޓީމުގެ ކޯޗު ހުސައިން އިޒުވާން ބުނީ، މި މެޗަށް ކުޅުންތެރިން ނުކުތީ މޮޅުވާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުކަމަށެވެ. އަދި މިއީ ކުޅުންތެރިން ޕްރެކްޓިސްގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، މުބާރާތުގައި ދެން ކުރިޔަށް އޮތް މެޗަށް ތައްޔާރުވުމަށް މިއަދު ކުނަހަންދުއާއި ފުވައްމުލަކު ޓީމުގެ ކުޅުން ބަލާނެކަމަށެވެ.

"އަސްލު ބުނާނަމަ ކުދިންނާމެދު ވަރަށް ކޮންފިޑެންސް އޮތް މޮޅުވާނެކަމުގެ. ކުދިންގެ އަސްލު މިއޮތް ހުރިހާ ދުވަހުގެ ޕްރެކްޓިސް ހިތްވަރު މިއަދު އެ ލިބުނީ. ދެން އަޅުގަނޑުމެން ރޭގައި ބޭއްވި ޓީމް މީޓިންގައިވެސް ކުޅުންތެެރިން ކިޔާދިނިން މިވެނި ގޮަތަކަށް އުކައިގެންނޭ ޓާގެޓަށް އަމާޒުވާނީ. ދެން އަޅުގަނޑު ބުނެލާފައި އިންނާނީ ކުދިން ކައިރީގައި 100 އަށް ސްކޯރ ގޮސްގެންނުވާނެއޭ 100 ގެ ދަށުން ވިކެޓްތައް ލިބޭތޯ ބަލާށޭ. ދެން ކުރިޔަށް އޮތް މެޗަށް ތައްޔާރުވެވޭނީ މިއަދު ފުވައްމުލަކާއި ކުނަހަންދޫ ކުޅޭ މެޗު ބަލާފައި". އިޒުވާން ބުންޏެވެ.

މި މެޗުން ބަލިވި ވިލިމާލެ ޓީމުގެ ކޯޗު އާމިރު އަލީ ބުނީ، މެޗު ކާމިޔާބުނުކުރެވުނީ ކުޅުންތެރިންގެ ފައިބުޑަށް އަންނަ ބޯޅަތައް މަތަކުރަން ނޭންގިގެންކަމަށެެވެ. އާމިރު ބުނީ ފަރިތަކުރުންތައް ކުރިޔަށްގެންދާނެ ވަގުތެއް ދެން ނޯންނާނެ ކަމަށާއި، ނަމަވެސް މި މެޗުގައި ހެދުނު ގޯސްތައް ދެން އޮތް މެޗަށް ރަނގަޅު ކުރާނެކަމަށެވެ.

"މެޗާއި ދޭތެރޭ ބުނެވޭނީ ސީދާ ކުޅުންތެރިންނަށް ބެޓު ނުކުރެވުމުގެ ސަބަބުން ފައިބުޑަށް އައި ވިކެޓްތައް ނިމިގެން ދިޔައީ. އެހެންވީމާ ޖުމްލަކޮށް ބުނެވޭނީ އަހަރުމެން ކުޅުންތެރިންނަށް ފައިބުޑަށް އަންނަ ބޯޅަތައް މަތަކޮށްލަން ނޭންގިގެންނޭ އަސްލުގައި ބަލިވީ. ދެން މެޗުގައި ހެދުނު ގޯސްތައް ހައިލައިޓްކޮށްލާފައި އެކަންތައްތައް ރަނގަޅުކުރަން ކިޔާއިދޭނަން ކުޅުންތެރިންނަށް". އާމިރު ބުންޏެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ކުނަހަންދޫއާއި މުބާރާތް ބާއްވާ ފުވައްމުލުކެއެވެ.