ޚަބަރު

ކުށް ސާބިތުކުރަން ހުށަހެޅި ހެކިން ބަލައިނުގަތުމަށް އާޒިމާ އެދިއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުކުރަން ދައުލަތުން ހެކިންގެ ގޮތުގައި ހުށައެޅި ބައެއް މީހުންގެ ހެކިބަސް ނުނެންގެވުމަށް އޭނާ ހުށައަޅުއްވައިފިއެވެ.

އާޒިމާގެމައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ.

އެއްކޮށް ކުރިއަށް ގެންދާ އެ ދައުވާތަކާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ގޮތުގައި އާޒިމާ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނުނެގޭނެ ކަމަށް ވިދާޅުވެ ހުއްޖަތްތައް ދައްކަވާފައެވެ.

އެ ގޮތުން އާޒިމާ ވަނީ އޭނާ އާ ދެކޮޅަށް ހެއްކެތް ގޮތުގައި ހުށައަޅުއްވާފައިވާ ކުރީގެ ރައީސް ޔާމީނާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި އޭސީސީގެ މިހާރުގެ ރައީސް މުވައްވިޒު ރަޝީދުގެ އިތުރުން ބީއެމްއެލްގެ ބޯޑުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް ވިދާޅުވެފައެވެ.

ޔާމިންގެ ހެކިބަސް މި މައްސަލައިގައި ނުނެގޭނެ އެއް ސަބަބެއްކަމަށް އާޒިމާ ފާހަގަކޮށްފައިވަނީ، އެއް ކުށެއްގައި ހިމެނޭ ބައެއް އެއްކޮޅަށް ވެސް ދެ ކޮޅަށް ވެސް ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމަވާފައިވުމެވެ. މުވައްވިޒު އާއި ލުތުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ އެއް ސަބަބެއް ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައިނުވުމާ އަދި އެހެނިހެން ބައެއް ސަބަބުތަކެވެ.

ލުތުފީއަށް މަޖުބޫރުކޮށްގެން ބަޔާން ނެންގެވި ކަމަށް އޭނާ ވިދާޅުވެފައިކަން އާޒިމާ ފާހަގަ ކުރެއްވުމުން ދައުލަތުގެ ވަކީލް ވަނީ ނޫހެއްގައި ޖަހާ ޚަބަރެއްގެ މައްޗަށް ބަލާ ހެކިބަސް ނުނެގުމަށް ނިންމޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މަނީލޯންޑަރިންގެ މައްސަލައިގައި އޭނާ ފުލުހުންނަށް ބަޔާނެއް ދިނީ މަޖުބޫރުކަން މަތީގައި ކަމަށާއި އޭނާއަށް ބިރުވެރިކަން އޮތް ކަމަށް ބުނެ ސިޓީއެއް ކްރިމިނަލް ކޯޓަށްވެސް ފޮނުއްވާފައިވާ ކަމަށެއެވެ.

ނަމަވެސް ދައުލަތުން ވަނީ އޭނާގެ ބަޔާން ފުލުހުން ނެގިއިރު ވީޑިއޯ ކޮށްފައިވާތީ އެ ވީޑިއޯ ބެއްލެވުމަށް ފަހު ގޮތެއް ނިންމަވާދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އާޒިމާ ވަނީ އެ މައްސަލައިގެ ޝަރީއަތްތައް ނުފެށޭނެ ކަމަށް ވިދާޅުވެ ވެސް ބައެއް ކަންކަން ހުށައަޅުއްވާފައެވެ. މަނީލޯންޑަރިންއަށް އެހީތެރިވި ކަމަށްބުނެ އޭނާގެ މައްޗަށް ދައުވާކޮށްފައިވާއިރު އޭނާގެ މައްޗަށް ތުހްމަތުކުރާ ކަންކަމަކީ ޔާމިންގެ މަނީލޯންޑަރިންގެ ދައުވާ ފުރިހަމަ ވުމަށް ކުރަން ޖެހޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔާމިންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާ ސާބިތުނުވެ، އެކަމުގައި އެހީތެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ނުއުފުލޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ހުށައެޅުއްވި ހުރިހާ ކަންކަމަށް ދައުލަތުން ދެކޮޅު ހަދައި ވާހަކަ ދައްކަވާފައިވެއެވެ.

ޝަރީއަތުގެ ކުރިން ހުށައަޅާ ކަންކަމާމެދު ޝަރީއަތުން ގޮތެއް ނިންމާނީ ހުރިހާ ކަމެއް ހުށައަޅާ ނިމުމުންނެވެ. ދެން އޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ޝަރީއަތުގެ ކުރިން ހުށައަޅާ ކަންކަން ހުށައެޅުން ކަމަށް ޝަރީއަތުން އިއުލާން ކުރެއްވިއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ އާޒިމާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެހިކަމަށް ބުނާ ކުންފުނި އެސްއޯއެފުން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުވާ އެއް މިލިއަން ޑޮލަރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ހެދި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް އެއްބަސްވުމަށް ފަހު އެއާ ޚިލާފްވި މައްސަލާގައެވެ.

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އޭނާގެމައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރިކަމަށް ބުނެ އޭސީސީއަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައެވެ.