ޚަބަރު

ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންއާ ދެކޮޅަށް އުފުލާފައިވާ އެ ދައުވާގެ ތިންވަނަ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:30ގައެވެ. އެ އަޑުއެހުން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މި އަޑުއެހުމުގައި އޮންނާނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ނެގުމެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ހުށައަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގާ ނިމިފައެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި އޭސީސީގެ މިހާރުގެ ރައީސް މުވައްވިޒް ރަޝީދާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ. އެއިން ކޮންމެ ބޭފުޅަކުވެސް ވަނީ ރައީސް ޔާމިންގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ކުރައްވައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފު ކުންފުނިން އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާއަކީ ހުއްދަ ނޫން ފައިސާތަކެއް ކަމަށް ތުހްމަތު ކުރެވިފައި ވަނިކޮށް އެ ފައިސާ އިން މަންފާ ހޯއްދަވާފައިވާކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއް ހުޅުވައި އޭގައި ބެހެއްޓުމަށް އޭސީސީއާއެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުވާގައިވެއެވެ.