ތިމާވެށި ހިމާޔަތްކުރުމަކީ އިންސާނުން ހިމާޔަތްކުރުން ކަމަށާއި، ތިމާވެށި ހިމާޔަތް ނުކުރެވިއްޖެނަމަ އިޤްތިސާދު ފުނޑު ފުނޑުވެގެން ހިނގައިދާނެކަމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ޕީ.އެސް.އެމް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ކުރެވޭ ބައެއް ކަހަލަ މަސައްކަތް ކަމުގައިވާ ބަނދަރު ހެދުން ފަދަ މަސައްކަތްތައް ކުރަން ފެށުމުން ރަށް ގިރުމުގެ މައްސަލައާއި ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންވެސް ރަށްގިރުމަށް މަގުފަހިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް 1990ގެ އަހަރު ތަކުން ފެށިގެން ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ފައްޓަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ޤާނޫނެއް 1993 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާއިރު، ކަމާގުޅޭ އިތުރު ޤަވާޢިދުތައް ހަދާ ތިމާވެށި ހިމާޔަތް ކުރުމަށް ތަފާތު ޕޮރޮގްރާމްތަކެއް ރާވާ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވި ގޮތުގައި ރާއްޖޭގެ 42 ސަރަހައްދެއް މިހާރުވަނީ ހިމާޔަތްކުރާ ސަރަހައްދު ތަކެއްގެ ގޮތުގައި ކަނޑައެޅި ތަންފީޒުކުރެވިފައެވެ.މީގެ އިތުރުން ރާއްޖެއަކީ އީކުއޭޓަރ ބެލްޓްގައި އޮންނަ ޤައުމަކަށްވުމާއިއެކު، އިރުގެ އަލި ބޭނުންކޮށްގެން އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަށް މިއަށްވުރެ ރަނގަޅު ޤައުމެއް ނެތް ކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. ހަމަ އެއާއި އެކު ރާއްޖެ ފަދަ ޤައުމުތަކަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ރައްކާތެރިކަން ބޭނުންވާ ޤައުމުތަކެއްގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ޤަބޫލުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާގެ ހޯދުމަށް ދަތިތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ފަރުދީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމަށްވެސް، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ތޯރިޤް ދެއްވި ބަސްދީގަތުމުގައި ގޮވާލެއްވިއެވެ. އެ ގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް ސަރުކާރުން ހަދާ ޤާނޫނު ތަކާއި ޤަވާޢިދުތަކަށް އަމަލުކުރުމަށް އެދި ވަޑައިގަތެވެ.