ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށްޓަކައި ސާވޭއެއް ކުރިއަށް ގެންދިއުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނިންމައިފިއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މިސާވޭއަކީ ގޭބީސީތަކަށް އަމާޒުކޮށްގެން ހިންގާ ސާވޭއެއްކަމަށެވެ. އެގޮތުން މިސާވޭގެ ތެރެއިން ހޮވާލެވޭ ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދު ހުރި ގޮތުގެ މަޢުލޫމާތު ނަގާނެކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ، ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށްޓަކައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ މިސާވޭގެ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުކަމަށެވެ.
ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށްޓަކައި 2016 ވަނަ އަހަރުވެސް ވަނީ ސާވޭއެއް ކުރިއަށްގެންގޮސްފައެވެ. އެ ސާވޭގެ ނަތީޖާ ދައްކާގޮތުން އެވްރެޖްކޮށް ރާއްޖޭގެ ގޭބީސީއަކަށް މަހެއްގެ މައްޗަށް 25 ހާސް އެއް ސަތޭކަ ނަވާރަ ރުފިޔާ ޚަރަދުކުރެއެވެ. މާލެއަށް ބަލާއިރު ގޭބީސީއަކުން 34 ހާސް ތިން ސަތޭކަ ތިރީސް އެއް ރުފިޔާ އަދި އަތޮޅުތަކުގައި ގޭބީސީއަކުން މަހެއްގެ މައްޗަށް 18 ހާސް ހަތަރު ސަތޭކަ ނުވަދިހަ އަށް ރުފިޔާ ޚަރަދުކުރެއެވެ.
2016 ވަނަ އަހަރުގެ ސާވޭ ދައްކާގޮތުން ރާއްޖޭގެ ގޭބީސީއަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 26 ހާސް ތިން ސަތޭކަ ނުވަދިހަ ފަސް ރުފިޔާގެ އާމްދަނީއެއް ލިބެއެވެ. އެއީ މާލެއަށް ބަލާނަމަ ގޭބީސީއަކަށް އެވްރެޖްކޮށް 37 ހާސް ތިރީސް ފަސް ރުފިޔާ އަދި އަތޮޅުތަކުގެ ގޭބީސީއަކަށް 18 ހާސް ތިން ސަތޭކަ ފަންސާސް އަށް ރުފިޔާއެވެ.
މިމަހުގެ 28 ވަނަ ދުވަހު ފަށާ ގޭބީސީތަކުގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތް ބެލުމުގެ ސާވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހިންގާ ސާވޭއެކެވެ. މިސާވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށް ޤަވާއިދުގައިވެއެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ގަވައިދުގައި ލާޒިމުވެސް ކޮށްފައިވެއެވެ.