ޚަބަރު

އޭސީސީން ތަޙްޤީޤުކުރަމުންދާ 184 މައްސަލަ އަކީ ސަރުކާރު ކުންފުނިތަކާ ގުޅޭ މައްސަލަ


އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ތަހްޤީޤު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭ 184 މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއައްވިޒް ވަނީ އޭސީސީން މިހާރު ބަލަމުން ގެންދާ ބައެއް މައްސަލަތައް ޚުލާސާ ގޮތެއްގައި ވިދާޅުވެފައެވެ.

އޭސީސީން ބަލަމުންދާ ބައެއް މައްސަލަތަކުގެ ތެރޭގައި:

  • ފެނަކަ ކޯޕަރޭޝަނުގެ 44 މައްސަލަ
  • އާސަންދަ ކުންފުންޏާ ގުޅޭ މައްސަލަތަކެއް
  • މޯލްޑިވްސް ގޭސް ކުންފުންޏާ ގުޅޭ މައްސަލަތަކެއް
  • މެވްކޯ ކުންފުންޏާއި ގުޅޭ މައްސަލަތަކެއް
  • ޕަބްލިކް ސަރވިސް މީޑިޔާ
  • މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މައްސަލަތަކެއް
  • ޙައްޖު ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ 3 މައްސަލައެއް
  • ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާ ގުޅޭ މައްސަލަތަކެއް


އެމްއައިޓީޑީސީ އާއި ގުޅޭ ގޮތުން ބަލަމުން ގެންދަނީ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތަކެއް ކުރުމަށް 1.9 މިލިއަންރުފިޔާ ހަރަދުކުރި މައްސަލައަކާއި ބަރެސްދޫ ޕްރޮޖެކްޓަށް ހަރަދުކުރުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައެއްގެ އިތުރުން އެ ކުންފުނިން ހިންގި ޕްރޮޖެކްޓެއް ބޭރުގެ ބަޔަކަށް ދިނުމުގައި ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއް ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރެކްޝަނަލް ސާރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިދާރާ ގުޅޭ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ކަރެކްޝަނާ ގުޅޭ ގޮތުން ބަލަމުންދަނީ އެ އިދާރާގެ ކޮމްޕްލެއިންސް އޮޑިޓުން ފާހަގަ ކުރެވުނު 10 މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކެއްގައި ކްލާސްރޫމްތަކެއް އެޅުމަށް އިއުލާން ކުރުމެއްނެތި ވަކި ބަޔަކާ ހަވާލުކުރި މައްސަލައަކާއި ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެސްޓިއޯއިން ވެހިކަލްތަކެއް ގަތުމުގައި 2015 އަދި 2016 ވަނަ އަހަރު ހިންގާފައިވާ ކަމަށް ތުހްމަތުތަކެއްގެ އިތުރުން މިނިވަން 50 ފާހަގަ ކުރުމަށް ހިންގި ހަރާކާތްތަކުގެ ތެރޭގައި ހިނގި ކަމަށް ތުހްމަތުކުރެވޭ ބައެއް މައްސަލަތައް ގެންދަނީ ތަހްގީގު ކުރަމުންނެވެ. އަދި އެއާއެކު މާފަރު އެއާޕޯޓް ހެދުމުގެ މަޝްރޫއާ ގުޅޭ ތިން މައްސަލައަކާއި ހުޅުމާލެގައި ގާއިމުކުރާ ހައުސިން ޔުނިޓްތަކާ ގުޅޭ ގޮތުން އެޗްޑީސީގެ މައްސަލަތަކެއް ވެސް ތަހްގީގު ކުރަމުންދެއެވެ.

މި ހުރިހާ މައްސަލަތަކީ ވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭ މައްސަލަތައް ކަމަށްވާއިރު އޭގެ ތެރެއިން ގިނަ މައްސަަލަތައް މިހާރު ނިމުމާ ހަމައަށް އައިސްފައިވާ ކަަމަށް އޭސީސީން ވިދާޅުވިއެވެ.