ޚަބަރު

ހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު އދ.ގައި ތަގްރީރު ކުރައްވަނީ


ހަ އަހަރުގެ މެދުކެނޑުމަށްފަހު މިއަހަރު އދ.ގެ ޢާއްމު ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ގިނަ ގައުމުތަކުން ބައިވެރިވާ އދ.ޢާއްމު ޖަލްސާ މި އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 17އިން 30އަށް އެމެރިކާގެ ނިއުޔޯކްގައެވެ. މިޖަލްސާގައި ރާއްޖޭގެ ފަރާތުން ތަގްރީރު ކުރައްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، އދ.ގެ ޢާންމު ޖަލްސާގައި ކުރައްވާ ތަޤްރީރުގައި އިންސާނީ ހައްގުތަކަށާއި، ތިމާވެށި ޙިމާޔަތް ކުރުމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހްގެ މައްޗަށް އަލިއަޅުއްވާލައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. ނަމަވެސް އެމަނިކުފާނުގެ މިދަތުރުފުޅާ ބެހޭ ތަފްސީލް އަދި ރަސްމީކޮން ހާމަކުރައްވާފައި ނުވެއެވެ.

އދ.ގެއާއްމު ޖަލްސާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނާއިރު އެބައްދަލުވެގެންދަނީ ދޭދޭ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށްވެސް ލިބިގެންދާ ފުރުސަތަކެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އދ.ގެ ޢާއްމު ޖަލްސާގައި ދިވެހި ސަރުކާރުގެ ފަރާތުން ތަމްސީލް ކުރެއްވީ ސަރުކާރުގެ މިނިސްޓަރުންނެވެ. ރައީސް ޔާމީން އދ.ގައި ތަޤްރީރުކުރައްވާފައެއް ނުވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އެއް ވައުދުފުޅަކީ ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެއަށް ހައްގު މަޤާމު ހޯދައިދީ ޤައުމުތަކާމެދު ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމެވެ.