ވިޔަފާރި

55 މަޝްރޫއެއް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ- އެމްޓީސީސީ


މޯލްޑިވްސް ޓްރާންސްޕޯތް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ސަރުކާރުން ހަވާލުކޮށްފައިވާ 55 މަޝްރޫއު މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން  ދީފިއެވެ.މީޑިއާއާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މިހާރުވެސް ހަ ރަށެއްގެ މަސައްކަތް ނިންމަފައިވާ ކަމަށާއި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 12 ރަށުގެ މަސައްކަތް ނިންމައި އިތުރު 12  ރަށުގެ މަސައްކަތް ފަށާނެ ކަމަށެވެ. މި އަހަރުގެ ތެރޭގައިވެސް 18 މަޝްރޫއެއް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި މިހާރުވެސް 35 ރަށެއްގައި އަމަލީ މަސައްކަތް ކުރިއަށްދެއެވެ.އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގް ވިދާޅުވީ، އެމްޓީސީސީ އިން މަޝްރޫއުތަކާ ހަވާލުވަނީ މަސައްކަތް ކުރެވޭނެ ކަމުގެ ގާބިލްކަން ކުންފުނީގައި ހުރީމަ ކަމަށެވެ.މީގެ އިތުރުން މަސައްކަތްތައް ނިންމުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގެ ދަތިކަންކަން ފާހަގަ ކުރައްވަމުން އަބްދުއްރައްޒާގް ވިދާޅުވީ، މިހާރު އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ހައްލު ތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ބޮޑު ހިލަ ހިފައިގެން ކުންފުނީގެ ބާޖެއް މާލެ އަންނާނެ ކަމަށާއި، އިތުރު ދެ ބާޖް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަބްދުއްރައްޒާގް ވިދާޅުވިއެވެ. އަދި މި މަހުގެތެރޭގައި ހަތަރު އިކުއިޕްމެންޓް ސެޓްވެސް އަންނާނެ ކަމަށާއި، އެއީވެސް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ލިބުނު ކުރިއެރުމެއް ކަމަށް އަބްދުއްރައްޒާގް ވިދާޅުވިއެވެ.މިހާރު ސަރުކާރުން ކުރިއަށްގެންދާ ބިންހިއްކުމާއި، ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ.