ކުޅިވަރު

ބާސެލޯނާ ދޫކޮށްނުލާނަން: މެސީ


ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ނުދާނެ ކަމަށް ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކޮންޓްރެކްޓްގައި އޭނާ ބޭނުންއިރަކު ކުލަބު ދޫކޮށްދެވިދާނެ ކަމަށް ބުނެފައިވާ މާއްދާއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުންނެވެ.

މެސީ ބުނީ ބާސެލޯނާ އަކީ އޭނާގެ ގެ ކަމަށާއި އެކުލަބު ދޫކޮށްލުމުގެ ވިސްނުމެއްނެތް ކަމަށެވެ. ނަމަވެސް މޮޅުވެ ތަށި ހޯދަން އޭނާ ބޭނުންވާ ކަމަށާއި އެކަމަށްޓަކައި ޓީމު ވަރުގަދަކޮށް އޮންނަން އަބަދުވެސް ބޭނުންވާ ކަމަށެވެ.

މެސީ ބުނީ ވަރަށް ގިނަ ގޮތަށް ބަލާއިރު އެކުލަބުގެ ކުރީގެ ފޯވަޑް ބްރެޒިލްގެ ނޭމާ ސަންޓޯސް އަލުން ބާސެލޯނާ އަށް ގެނައުމަކީ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

"އެކަމަކު އަހަންނަކަށް ނޭނގެ ބާސެލޯނާއިން ނޭމާ ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރިކަމެއް. އެކަމަކު ޕީއެސްޖީއާއެކު މުއާމަލާތް ކުރުމަކީ ފަސޭހަކަމެއްނޫންކަން އެނގޭ. އަހަރެން ވަރަށް ބޭނުން ނޭމާ އެނބުރި އަންނަން. އެއީ އިގްތިސާދީ ގޮތުންނާއި ފުޓްބޯޅައިގެ އެންގަލަކުން ބެލިޔަސް ކުލަބަށް ފައިދާހުރި ކަމެއް،" މެސީ ބުންޏެވެ.
އާޖެންޓީނާގެ ވެސް ކެޕްޓަން ބުނީ ނޭމާ އެނބުރި ނުގެނެވިގެން އޭނާ ދެރަނުވާ ކަމަށެވެ.

"ސަބަބަކީ މިހާރު އޮތް ސްކޮޑަކީ ވަރުގަދަ ސްކޮޑެއް. އަހަރުމެންނަށް ތަށި ހޯދޭނެ ޓީމެއް މިހާރު މިއޮތީ. އެހެންވީމާ ނޭމާ ނުގެނެވިގެން އަހަރެން މުޅިން ދެރައެއްނުވޭ. އެކަމަކު އޭނާ ބާސެލޯނާ އަށް ކުޅެން އަހަރެން ވެސް ބޭނުން،" މެސީ ބުންޏެވެ.