ފޯވާޑް އެލެގްސަންޑަރ ލަކަޒޭއަށް އަނިޔާގެ ސަބަބުން ކުރިއަށް އޮތް އެއް މަސްދުވަހު ނުކުޅެވޭނެކަމަށް އާސެނަލުން ބުނެފިއެވެ.
ފޯވާޑް ލަކަޒޭ މި ސީޒަން ފެށިއިރުވެސް ހުރީ އަނިޔާގައެވެ. އެހެންނަމަވެސް އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ކުޅެން ނިކުތުމުގެ ސަބަބުން އޭނާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސްވެ މިހާރު ޑޮކްޓަރުވަނީ އޭނާއަށް އަރާމުކުރަން އިރުޝާދު ދީފައެވެ.
ލީގުގައި ކުރިއަށް އޮތް ހަތަރު މެޗުކަމަށްވާ ވަޓްފޯޑް، އެސްޓަން ވިލާ، މެންޗެސްޓަރ ޔުނައިޓެޑް އަދި ބޯންމޮތްއާއި ދެކޮޅަށް އާސެނަލް ލީގުގައި ކުޅޭ މެޗުތަކުގައި ލަކަޒޭއަށް ނުކުޅެވޭނެއެވެ. 28 އަހަރުގެ ފޯވާޑަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުނުނަމަވެސް ދެ ޑިފެންޑަރުންކަމަށްވާ ހެކްޓަރ ބެލެރިން އަދި ކެއިރެން ޓިއާނޭވަނީ އަނިޔާއިން މުޅިން ރަނގަޅުވެ ފަރިތަކުރުންތަކަށް ނިކުމެފައެވެ.
މާދަމާ ވަޓްފޯޑާއި ވާދަކުރާ މެޗުގައި މި ދެ ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ހަނި ނަމަވެސް އަންނަ ހަފްތާގައި ދެ ކުޅުންތެރިންނަށްވެސް ފުރުޞަތުދޭނެކަމަށް ކޯޗު އުނާއީ އެމްރީވަނީ ބުނެފައެވެ. މިހާތަނަށް ލީގުގައި އާސެނަލް ހަތަރު މެޗު ކުޅުނުއިރު އެ ޓީމް ދެ މެޗުންވަނީ މޮޅުވެފައެވެ. އެއް މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.