ޚަބަރު

ސަޕޯޓަރުންގެ ފަރާތުން ނޭމާއަށް ފިނި ތަރުޚީބެއް


ސަޕޯޓަރުންގެ ފަރާތުން ފިނި ތަރުޚީބެއް ލިބުނު މެޗުގެ އިތުރު ވަގުތުގައި ނޭމާ ޖެހި ގޯލުން ފަރަންސޭސި ލީގުގައި ސްޓްރެސްބޯގާ ވާދަކޮށް ޕީއެސްޖީ މޮޅުވެއްޖެއެވެ.

ޕީއެސްޖީ ދޫކޮށްލުމަށްފަހު، އެހެން ކުލަބަކަށް ދާން ބޭނުންވާކަމަށް ބުނެފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީއަށް ގޯލް ޖަހާދިނީ މެޗުގެ 90 މިނެޓު ކުޅުން ހަމަވެ، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ނަމަވެސް، މުޅި މެޗުގައި ސަޕޯޓަރުންގެ ނުރުހުންވަނީ ނޭމާއަށް އަމާޒުވެފައެވެ. އެގޮތުން، އޭނާއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކުހެން ސަޕޯޓަރުން ނުރުހުން ފާޅުކުރިއެވެ.

މިއީ އޭނާގެ ކުރީގެ ކުލަބުކަމަށްވާ ބާސެލޯނާއަށް އެނބުރި ދާން މަސައްކަތްކުރި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. ބާސެލޯނާއަށް އެނބުރި ނުދެވި ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވީ މިދިޔަ ހަފުތާ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެނބުރި ބާސެލޯނާއަށް ނުދެވުނީ އެ ކުލަބުން ޕީއެސްޖީއަށް ހުށަހެޅި އަގު ކުޑަވުމުންނެވެ. ބާސެލޯނާއިންވަނީ މި ސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން، ފަރަންސޭސިވިލާތުގެ ހުނަރުވެރި ފޯވަޑް އޮންޓުއަން ގްރިއެޒްމަންވަނީ 120 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއަށް ބަދަލުވެފައެވެ.

މެޗަށްފަހު ނޭމާ ބުނީ ލީގުގައި ކުޅޭ ކޮންމެ މެޗެއްގައި އޭނާ ނިކުންނަން ޖެހެނީ ސަޕޯޓަރުންނާއި ދެކޮޅަށްކަމަށާއި މިއީ އައު ކަމެއް ނޫންކަމަށެވެ. ނަމަވެސް ޕީއެސްޖީއާއެކު ރަނގަޅު ކާމިޔާބެއް ހޯދަން ބުރަކޮށް މަސައްކަތްކުރާނެކަމަށް ނޭމާ ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 222 މިލިއަން ޔޫރޯއަށް ބާސެލޯނާއިން ޕީއެސްޖީއަށް ނޭމާ ބަދަލުވީ 2017ވަނަ އަހަރުއެވެ،