ޚަބަރު

ހުޅުމާލެ ސްޕޯޓްސް ސުކޫލުން ތާވަލްގެ އެއްވަނައަށް ޖެހިލައިފި


14 އަހަރުން ދަށުގެ ޔޫތު ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު ބޮޑު ތަފާތަކުން ބަލިކޮށް، ހުޅުމާލެ ސްޕޯޓްސް ސުކޫލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އޭފްއޭއެމުން ކުރިއަށްގެންދާ 14 އަހަރުން ދަށުގެ ލީގުގައި ވާދަކުރާ އެންމެ ވަރަގަދަ އެއް ޓީމުކަމަށްވާ ހުޅުމާލެ ސްޕޯޓްސް ސުކޫލުންވަނީ 11-0ގެ ބޮޑު ތަފާތަކުން ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާއެކު ހުޅުމާލެ ސްޕޯޓްސް ސުކޫލުންވަނީ މިހާތަނަށް 13 ޕޮއިންޓް ހޯދާ ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. ބާރަ ޕޮއިންޓާއެކު ތާވަލްގެ ދެވަނާގެ އޮތީ މާޒިޔާ އެކަޑަމީއެވެ. ހަމަ އެޢަދަދަށް ޕޮއިންޓް ހޯދައިގެން މޯލްޑިވިސް ސޮކަރ މޭޓްސް އޮތީ ތާވަލުގެ ތިންވަނާގައެވެ. އަދި ބީޖީ އޮތީ ހަތަރުވަނާގައެވެ. އީގަލްސް އޮތީ ފަސްވަނާގައެވެ. މި ދެ ޓީމަށްވެސް ލިބުނީ ހަ ޕޮއިންޓެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ލިބެނީ ބީޖީއަށެވެ. އީޓީއެފް ހަވަނާގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

އޭފްއޭއެމުންވަނީ 12 އަހަރުން ދަށުގެ ލީގުގެ ކުޅުންވެސް މިހަފުތާގައިވަނީ ފަށައިފައެވެ. މިހަފުތާގައި ކުޅުނު މެޗުތަކަށް ބަލާއިރު، މާޒިޔާވަނީ 5-0ން ބީޖީގެ މައްޗަށް ކުރި ހޯދައިފައެވެ. ހުޅުމާލެ ސްޕޯޓްސް ސުކޫލުން ވަނީ 6-0ން އީގަލްސްގެ މައްޗަށް ކުރި ހޯދައިފައެވެ. އެމްއެސް ހެލްޕިން ހޭންޑްވަނީ މޯލްޑްވިސް ސޮކަރ މޭޓާ ވާދަކޮށް 4-1ން ބަލިވެފައެވެ. ޓީސީ ސްޕޯޓްސް ކުލަބް ވަނީ 12-1ގެ ބޮޑު ތާފާތަކުން ހުޅުމާލެ ޔޫތު ސްޕޯޓްސްއާ ވާދަކޮށް މޮޅުވެފައެވެ.

މި ދެލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.