ޚަބަރު

އާދީބު ފިއްލެވި މައްސަލައިގެ ޝަރީއަތްތައް މިއަދު ފަށަނީ


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލާގައި ދައުލަތުން އުފުލި ދައުވާގެ ޝަރީއަތްތައް މިއަދު ފެށުމަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގްބޯޓެއްގައި ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައިވަނީ ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ދައުވާއެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މިއަދުގެ ހެނދުނު 11:30އަށެވެ.

އަދީބު ފިއްލަވައިގެން ވަޑައިގަތް ޓަގުބޯޓު ރާއްޖެއިން ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 27ވަނަ ދުވަހުއެވެ. އަދީބު ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ.

މި އުޅަނދަކީ ޖުލައި 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.

އަދީބުގެ މައްޗަށް ދަށުކޯޓުން އިއްވި ޖަލު ހުކުމެއް ހައިކޯޓުން ބާތިލްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފީ މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ. އަދި އެ އަމުރުގެ ދަށުން ޖަލުގައި ބެހެއްޓެވުމަށްފަހު މިހާރު ހުންނެވީ ޓެގް އެޅުވުމަށްފަހު މޮނިޓަރ ކުރެވޭ ގޮތައް ގޭ ބަންދުގައި ބަހައްޓާފައިއެވެ.