ޚަބަރު

ޖޭޕީއަށް ދިޔަ އިދިކޮޅު މީހުނަށް ޕްރޮގްރޮސިވް ކޯލިޝަނުގެ ފާޑުކިޔައިފި


ޕްރޮގްރޮސިވް ކޯލިޝަނުގައި އިސްކޮށް އުޅުއްވުމަށްފަހު ދާދިފަހުން ޖުމްހޫރީ ޕާޓީގައި ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުން ރައީސް އަބްދުﷲ ޔާމިނާ ގުޅޭގޮތުން ދޮގުވާހަކަތައް ދައްކަވަމުންދާކަމަށް ޕްރޮގްރޮސިވް ކޯލިޝަނުން ތުހްމަތުކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގައި ކުރިން އިސްކޮށްއުޅުއްވި ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ވަޑައިގެން، އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕްރޮގްރޮސިވް ކޯލިޝަނުގެ އާންމު މެމްބަރުންނާ ފޯނުން ގުޅައި ދޮގު މައުލޫމާތު ދެމުންދާކަމަށެވެ.

އެގޮތުން ޖުމްހޫރީ ޕާޓީއާއި ޕްރޮގްރޮސިވް ކޯލިޝަނަކީ ހަމަ އެއްބައެއްކަމަށް ޖުމްހޫރީ ޕާޓީއާ ދާދިފަހުން ގުޅުނު ޕްރޮގްރޮސިވް ކޯލިޝަނުގައި ކުރިން އުޅުއްވި ބޭފުޅުން ވިދާޅުވާ ކަމުގެ މައުލޫމާތު ލިބޭކަމަށް މުންދު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް އެބޭފުޅުން ވަޑައިގެންނެވީ ރައީސް ޔާމީނާ މަޝްވަރާ ކުރެއްވުމަށްފަހުކަމަށް ވިދާޅުވަމުންދާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީނާއެކު ރާއްޖޭގެ އެކި ރަށްތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން ބުރާސްފަތި ދުވަހު މ.އަތޮޅާއި ފ.އަތޮޅަށް ދަތުރުތައް ކުރުމަށް ހަމަ ޖެހިފައިވާ ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވަނީ ވިދާޅުވެފައެވެ.