ޚަބަރު

ޔާމިންގެ އަޑުއެހުން އަންނަ ހަފްތާގައި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހަފްތާގެ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

މިއަޑުއެހުން ބާއްވަން ތާވަލްކޮށްފައިވަނީ ބުދަ ދުވަހުގެ 9:30ގައި ބޭއްވުމަށެވެ. ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ އެދައުވާގެ ޝަރީއަތުގެ އަޑުއެހުންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ.

ޔާމިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެތްގެ ގޮތުގައި ހުށަހެޅި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެކުރީގެ ރައީސް ޙަސަން ލުތުފީގެ ހެކިބަސް ނެގިފައިނުވާތީ ތަޙްޤީޤަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ރެކޯޑިން ބެލުމާމެދު ދެންއޮންނަ އަޑުއެހުމެއްގައި ޝަރީއަތުން ގޮތެއް ނިންމާނެއެވެ.

އަދި ޔާމިންގެ ދިފާއުގައި ހެއްކެއްގެގޮތުގައި ހުށަހަޅުއްވާފައިވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގޭނެކަން ނުވަތަ ނުނެގޭނެކަން އެއަޑުއެހުމުގައި އެނގިގެންދާނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފު ކުންފުނިން އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި އަދި އެފައިސާއަކީ ހުއްދަނޫން ފައިސާތަކެއް ކަމަށް ތުހްމަތު ކުރެވިފައި ވަނިކޮށް އެފައިސާއިން މަންފާ ހޯއްދަވާފައިވާކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރު އެކްރޯ އެކައުންޓެއް ހުޅުވައި އޭގައި ބެހެއްޓުމަށް އޭސީސީއާއެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާކުރުމަށް ފަހު، އޮޅުވާލިކަމަށް ވެސް ދައުވާގައިވެއެވެ.