ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށާއި އަދި ސިލްކް ރޯޑާބެހޭ މައުލޫމާތުތަކެއް ވެސް ޗައިނާ ސަރުކާރުން ރައީސް ޔާމީނާ ހިއްސާކުރައްވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ އެއަރޕޯޓްގެ ޗައިނާއާ ގުޅުންހުރި ބައި ވަރަށް އަވަހަށް ފެށޭ ވަރު ވާނެކަމަށާއި އެގޮތުން ރަންވޭ އާއި ފިއުލް ފާމާއި މީގެއިތުރުންވެސް މުހިންމު ބައެއް އިންފްރާސްޓްރަކްޗާ މަސައްކަތްތައް ޗައިނާއިން ކުރުމަށް ހަމަޖެހިފައިވާތި މިމަސައްކަތްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަޝްވަރާތައް ކުރިއަށްދާނެކަމަށެވެ. އަދި އެއަރޕޯޓް ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުން ދިނުމަށް ނިންމާފައިވާ ލޯނުގެ ކަންކަން އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި ލޯންގެ ކަންކަން ނިންމުމަށް ވަރަށް އަވަހަށް ޗައިނާގެ އެގްޒިމް ބޭންކުގެ ވަފްދެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.ރައީސުލް ޖުމްހޫރިއްޔާ ޗައިނާއަށް މިކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު ސިލްކް ރޫޓްގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދާނެ ގޮތާއި އެ މަޝްރޫއުގެ ދަށުން އުފައްދާ ސިލްކް ރޫޓް ފަންޑުން ރާއްޖެއަށް އެހީވާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ.